ލޯކަލް އިންތިހާބާ ދިމާކޮށް ޑީއާރްޕީގެ ވަރަށް ގިނަ މެންބަރުންނަށް ނޭނގި އައިޑީ ކާޑު ބޭނުންކޮށްގެން ޕާޓީން ކަނޑަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާ ކަމަށް ޑީއާރްޕީ އިން  ބުނެފި އެވެ.


ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ރޮޒައިނާ އާދަމް ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޑީއާރްޕީގެ ވަރަށް ގިނަ މެންބަރުންގެ އައީކާޑް ޗެކުކޮށްލާއިރު ޕާޓީ ބަދަލުވެފައިވާ ކަމަށާއި އެ މައްސަލައަކީ މިވަގުތު ޑީއާރްޕީއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. ރޮޒައިނާ ވިދާޅުވީ މި މައްސަލަ ވަކިން ބޮޑުވެގެން ދަނީ ލޯކަލް ކައުންސިލުތަކުގެ އިންތިހާބު ކުރިމަތީގައި އޮތުމުން ކަމަށެވެ.


އިލެކްޝަންސް ކޮމިޝަންސްގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ޑީއާރްޕީގެ މެންބަރުންނާއި ޑީއާރްޕީގެ އެފަދަ ޝަކުވާތައް އަންނަ ކަމަށާއި އެ ޝަކުވާތައް ބަލާއިރު ޑީއާރްޕީގެ މެންބަރުން އެމްޑީޕީއަށް ޖެހިފައިވާކަމަށެވެ.


"އަޅުގަނޑުމެން ބަލާއިރު އެމީހާގެ ނަމުގައި ފޯމުލައިފައި އަދި ފިންގާ ޕްރިންޓް ވެސް ދީފައި ހުނަނީ. އެއީ ހަމަ ކޮންމެވެސް ގޮތަކުން ނޭނގި ކޮންމެވެސް މީހަކު އެކަން ކޮށްލަނީ،" ފުއާދު ވިދާޅުވި އެވެ.


ރޮޒައިނާ ވިދާޅުވީ ޑީއާރްޕީގެ ޕްރައިމަރީ ބާއްވަން ޖެހޭ ބައެއް ދާއިރާތަކުގައި ޕްރައިމަރީ ބާއްވަން ބަލާއިރު ވޯޓު ލެވެނީ މެންބަރުންނަށް އެކަނި ކަމަށްވާ އިރު ޑީއާރްޕީގައި ތިބި އެތައް ބަޔަކު އެމީހުންނަށް ނޭނގި ވަކިކޮށްގެން ވަރަށް ބޮޑު ޝަކުވާއަކަށްވެ، ކަންބޮޑުވުމަކަށް ވެފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ މިކަމާ ގުޅިގެން ބަލާއިރު ހުރިހާ ޕާޓީތަކެއްގެ މެންބަރުންގެ އަދަދު ދަށަށް ގޮސްފައި ހަމައެކަނި މައްޗަށް ދަނީ އެމްޑީޕީގެ މެންބަރުންގެ އަދަދު ކަމަށެވެ. އަދި ވިދާޅުވީ މިކަން ކުރަނީ ސަރުކާރުން ރަށްރަށުގައި އައްޔަންކޮށްފައިވާ ކައުންސިލަރުން ކަމަށެވެ.


"އައްޔަން ކޮށްފައި ތިބި ކައުންސިލަރުންތައް މިކަން މި ކުރަނީ. އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި 15000ރ. މުސާރަ ދީފައި މިތިބެނީ މިފަދަ ޖަރީމާ ހިންގަން. އަޅުގަނޑުމެނަށް ފެނޭ އެތައް ބައިވަރު އައިޑީ ކާޑެއްގެ ފޮޓޯ ކޮޕީ ހައްދައިގެން، ނޭނގި ރަށްރަށުގައި ތިބި މި ޕާޓީގެ އެކްޓިވިސްޓުން ޕާޓީން ކަނޑާތަން،" އޭނާ ވިދާޅުވި އެވެ.


ރޮޒައިނާ ވިދާޅުވީ މިކަންކަން މިހެން ހިނގަމުންދާ އިރު މިކަން ހުއްޓުވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.