19 Nov 2012, 09:11
އާސެނަލްގެ އެންމެ ކުރިއަށް ކުޅެން އަދިވެސް ބޭނުންވާކަމަށް އެކުލަބުގެ އިނގިރޭސި ކުޅުންތެރިޔާ ތިއޯ ވަލްކޮޓް ބުނެފި އެވެ.
ފަހަކަށް އައިސް އާސެނަލް ޓީމުން ފެންނަމުންދާ އެންމެ މޮޅެތި ކުޅުންތެރިންގެ ތެރޭގައި ވަލްކޮޓް ފާހަގަ ކޮށްލެވެއެވެ. އުމުރުން 23 އަހަރުގެ ވަލްކޮޓް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅުނު މެޗުގައި ލަނޑެއް ކާމިޔާބުކޮށްފައެވެ. އެލަނޑު އޭނާ ކާމިޔާބުކުރީ އޭނާ އެންމެ ކުޅެން ބޭނުންވާ މަގާމުގައި ހުރެ އެވެ.
"އަހަރެން އަބަދުވެސް އުންމީދުކުރީ ސްޓްރައިކަރަކަށް ވާން. ކޯޗް އަހަރެންނަށް އެމަގާމަށް ކުޅެން ދިނީ ފަސް މިނެޓް. އެވަގުތު ކޮޅު ތެރޭ ލަނޑެއް ކާމިޔާބުކުރެވުމުން ވަރަށް އުފާވޭ. ނަމަވެސް އޮލިވާ ގިރޫޑް ފަދަ ކުޅުންތެރިއެއް މިފަދަ ކާމިޔާބު ޓީމަކަށް ކުޅޭނަމަ، އެކަން ބަދަލުކުރުމުގެ ބޭނުމެއް ނެތް. އަހަރެންގެ ވަގުތު އަދި އަންނާނެ. އަހަރެން އެކަމަށް ކެތްތެރިވާނަން." ވަލްކޮޓް ބުންޏެވެ.
ވަލްކޮޓް އާސެނަލްއާއި ގުޅުނީ ލީގް ޗެމްޕިއަންޝިޕްގައި ސައުތެމްޕްޓަންއަށް ކުޅެމަށް ފަހުއެވެ. 2006 ވަނަ އަހަރު ބާރަ މިލިއަން ޕައުންޑަށް އާސެނަލްއާއި ގުޅުނު ވަލްކޮޓް ވަނީ ދުއިސައްތައަށް ވުރެ ގިނަ ލަނޑު އެކުލަބަށް ކާމިޔާބު ކޮށްދީފައި ވެއެވެ.