19 Nov 2012, 09:08
ކޫއްޑޫ ފިސަރީޒް މޯލްޑިވްސުން ކޫއްޑޫގައި އަޅަން ހަމަޖައްސާފައިވާ މަސް ފެކްޓްރީއެއް އައްޑުއަށް ބަދަލުކޮށްފައިވާތީ އެކަން ހުއްޓުވުމަށް ގއ ކައުންސިލް އިދާރާއިން ސަރުކާރަށް ގަރާރެއް ހުށައަޅައިފި އެވެ.
ހުވަދުއަތޮޅު ކައުންސިލް އިދާރާއިން ސަރުކާރަށް މިއަދު ހުށައަޅަފައިވާ ގަރާރުގައި ބުނެފައިވަނީ ދެކުނަށް ބާނާ މަސް ގަތުމަށްޓަކައި ގއ. ކޫއްޑޫގައި އޮޕަރޭޓްކުރާ މަސްފެކްޓުރީ އިތުރަށް ފުޅާ ކުރުމަށް ކޫއްޑޫ ފިސަރީޒްގެ މެނޭޖުމަންޓުގެ ފަރާތުން މަސްދަޅު ބަންދުކުރާ ފެކްޓްރީއެއް ކޫއްޑޫގައި އަޅަން ނިންމާ އެކަމުގެ މަސައްކަތްތަށް ކޮށްފައިވަނިކޮށް އެހެންތަނަކަށް އެ ފެކްޓްރީ އެޅުމަކީ ގަބޫލް ކުރެއްވޭކަމެށް ނޫންކަމަށެވެ.
"ކޫއްޑޫގެ މެނޭޖުމަންޓުގެ ފަރާތުން އައްޑޫގައި ކޭނިން ފެކްޓްރީއެއް ހެދުމަށް ނިންމިއިރު މިޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ރަސްމީގޮތުން ކުރެވިފައިވާ ހުރިހާ މަސައްކަތެއް ފަންނީ ދިރާސާތައްކުރުމާއި އިންވެސްޓަރުން ހޯދުމާއި، ބޯޑްގެ މަޝްވަރާތައް ކުރިއަށް ގެންދެވިފައިވަނީ ކޫއްޑޫގައި ކޭނިން މަސައްކަތްފެށުމަށެވެ،" އެ ގަރާރުގައިވެ އެވެ.
އެގަރާރުގައި ބުނެފައިވަނީ އައްޑޫގައި ފެކްޓްރީ އެޅުމަށް ދެކުނުގެ އަތޮޅުތަކުން މަސް ނުލިބޭ ކަމަށް ކޫއްޑޫ ފިސަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓާ މުހައްމަދު މުއްތަލިބް ދައްކާފައިވާ ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަމަށެވެ. އަދި ކޫއްޑޫ އަކީ ފުޅާދާއިރާއެއްގައި މަސްތައްޔާރުކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރާ އަދި މަސް ތައްޔާރުކުރުމުގެ ވަސީލަތްތަށް ގާއިމްކުރެވިފައިވާ ރަށަކަށްވުމުން ކޫއްޑުގައި ފެކްޓުރީ ގާއިމް ކުރުމުން އަވަސް މުސްތަގުބަލެއްގައި މަސް ފެކްޓްރީގެ މަސައްކަތްފެށޭނެކަމަށް ގަބޫލްކުރެވޭ ކަމަށްވެސް ގަރާރުގައިވެ އެވެ.
އަދި ބުނެފައިވަނީ ކޫއްޑޫގައި އެފެކްޓުރީ އެޅުމަށް ކޫއްޑޫގެ ބޯޑުން ނިންމި ނަމަވެސް ބޯޑުގެ އިސްބަޔަކު އަމިއްލަ ފައިދާއަށް އެފެކްޓްރީ އައްޑޫގައި އަޅަން ނިންމި ނިންމުން ބަދަލުކުރުމަށް ސަރުކާރުގައި އެދޭ ކަމަށެވެ.
އެގަރާރާއި ބެހޭގޮތުން ކޫއްޑޫ ފިސަރީޒްގެ ބަހެއް ލިބިފައިނުވާއިރު ކޫއްޑޫ ފިސަރީޒް އިން ނިންމާފައިވަނީ ދުވާލަކު 40 ޓަނު މަސް ބަންދުކުރެވޭ ދަޅު މަސް ފެކްޓްރީ ސ. ހިތަދޫގައި އެޅުމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ އައްޑޫ ގައި ފެކްޓުރީ އެޅުމުން އެ ކުންފުއްޏަށް ތަފާތު ބޮޑެތި ފައިދާތަކެއް ކުރާތީކަމަށް ކޫއްޑޫ ފިސަރީޒް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އެކަމާ ދެކޮޅަށް ގއ. ވިލިގިލީގައި މިއަދު ވަނީ މުޒާހަރާވެސްކޮށްފަ އެވެ.