މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ޖީއެމްއާރު އަތުން މިނިވަން ކުރުމަށް ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށް ދިވެހި ގައުމީ ހަރަކާތުން ނިންމައިފި އެވެ.

މިފަހަރުގެ މުޒާހަރާ ބާއްވަން ހަމަޖައްސާފައިވަނީ އަންނަ ހުކުރު ދުވަހުގެރޭ 8:45 ގައި އާޓިފިޝަލް ބީޗްގަ އެވެ.

"ދިވެހި ގައުމީ ހަރަކާތް"ގެ ހިންގާ ކޮމެޓީގެ މެމްބަރު ސޮބާހު ރަޝީދު "ސަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރީ ސަރުކާރުން ގާނޫނާއި ޚިލާފަށް ޖީއެމްއާރު އާ އެކު ހަދާފައި އެގްރިމެންޓް ބާތިލް ކުރަން ރައީސްގެ އަރިހުގައި ދެންނެވުމާއި ގުޅިގެން އެކަމަށް އެމަނިކުފާނު ފުރިހަމަ އަށް އިޖާބަ ދެއްވާނެ ކަމަށް ވިދާޅުވެފައި ވާތީ އެކަމާއި ދެކޮޅު ސިލްސިލާ ހަރަކާތް ތަކެއް ބަޔަކު ހިންގަމުން ގެންދާ ކަމަށެވެ. ސޮބާހު ވިދާޅުވީ އޭގެ ތެރޭގައި ބައެއް ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމަށް ނެގޭ ވޯޓަކީ ސިއްރު އެއްޗެއްގެ ގޮތުގައި ހަދަން އެ ކުރާ މަސައްކަތަކީވެސް ޖީއެމްއާރު ހޯދަން ކުރާ މަސައްކަތަށް ހުރަސް އެޅުމަށް ހިންގާ ސިލްސިލާ ހަރަކާތް ތަކުގެ ތެރެއިން ބައެއް ކަމަށެވެ.

"އަޅުގަނޑުމެން އެއާޕޯޓު މިނިވަން ކުރަން މި ކުރާ މަސައްކަތުގަ ރައީސުލް ޖުމްހޫރިއްޔާވެސް ވިދާޅުވެއްޖެ އެކަށީގެންވާ އިޖާބައެއް ދެއްވާނެ ކަމަށް. އެހެންވީމަ އެކަން ކުރިއަ ނުދޭންވެގެން ސިޔާސީ ބައެއް ފަރާތްތަކާއި، ބައެއް މެމްބަރުން އެބަ މަސައްކަތް ކުރޭ. އެމީހުންނާ ދެކޮޅަށް އަޅުގަނޑުމެން މި ފަށަނީ ވަރަށް ތަފާތު ހަރަކާތް ތަކެއް،" ސޮބާހު ވިދާޅުވި އެވެ.

ސޮބާހު ވިދާޅުވީ މިފަހަރު ބާއްވަން ތައްޔާރު ވަމުންދާ ހަރަކާތަކީ މީގެ ކުރިން ބޭއްވި އެއްވުން ތަކާއި މުޅިން ތަފާތު ބޮޑު އެއްވުމަކަށް ހަދާނެ ކަމަށެވެ. އަދި އެ ހަރަކާތުގެ ތެރެއިން މީގެ ކުރިން ފެނިފައިނުވާ ވަރަށް ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ދިވެހި ގައުމީ ހަރަކާތުން އެންމެ ފަހުން ބޭއްވި އެއްވުމުގައި ބުނެފައިވަނީ އެއާޕޯޓު ޖީއެމްއާރު އަތުން މިނިވަން ނުކުރެވެނީސް އިދިކޮޅު ހަރަކާތްތަށް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖީއެމްއާރު ރާއްޖޭގައި ބާއްވަން މަސައްކަތްކުރާ ކޮންމެ މުއައްސަސާ އަކާއި ދެކޮޅަށް ދެތުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.