ހދ. ހޮނޑައިދޫގައި ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ފުލުހުން އޮޕަރޭޝަން ހިންގައި ބަޔަކު ހައްޔަރުކު ކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށާއި ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދަށް އެ ހާދިސާގެ މައުލޫމާތު އެނގިވަޑައި ނުގަންނަވާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނަރު ރިޔާޒު ވިދާޅުވީ ފުލުހުން އަބަދުވެސް މަސައްކަތް ކުރަނީ ޕްރޮފެޝަނަލްކޮށް ކަމަށާއި ފުލުހުން ހިންގާ އޮޕަރޭޝަނެއްގެ މައުލޫމާތު ރައީސަށާއި ހޯމް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވަން ނުޖޭހޭ ކަމަށެވެ.

"...ރައީސުލްޖުމްހޫރިއްޔާ އެކަންޏެއް ނޫން މިނިސްޓަރަކަށް ވެސް އެނގިވަޑައިނުގަންނަވާނެ ފުލުހުން ހިންގާ އޮޕަރޭޝަންތަކެއް. ޕޮލިސް އިންޓެލިޖެންސް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ރަލުގެ ވިޔަފާރި ކުރާ މީހުންނާއި ބޭނުންކުރާ މީހުންނާއި މި މީހުން ކުޑައެއް ބޮޑެއް ގިންތިއެއް ބެލުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނައުން އެއީ ފުލުހުންގެ މަސްއޫލިއްޔަތު،" ކޮމިޝަނަރު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ މި އަހަރަށް ފުލުހުން ކަނޑައަޅާފައިވާ އޮޕަރޭޝަނަލް ޕްރިއޮރިޓީސްތަކުގެ ތެރޭގައި މަސްތުވާތަކެތީގެ ދޮރުތައް ބަންދުކޮށް ރާއްޖެ އަމާން ތަނަކަށް ހެދުން ހިމެނޭ ކަމަށެވެ. އެހެންކަމުން އެކަން ހާސިލު ކުރުމަށް ޓަކައި ޕޮލިސް އިންޓެލިޖެންސް މެދުވެރިކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ބަނގުރަލުގެ ވިޔަފާރިކޮށް ބަނގުރާ ބޭނުން ކުރާ މީހުން ހޯދައި އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުގެ ކުރިމައްޗަށް ގެނައުމަކީ ފުލުހުންގެ މަސްއޫލިއްޔަތެއް ކަމަށް ދެކިގެން އެކަން ކުރަމުން ގެންދާ ކަމަށް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ އާންމުންނެކޭ އެއްގޮތަށް ހޮނޑައިދޫގައި ހިންގި އޮޕަރޭޝަންގެ މައުލޫމާތު ރައީސަށް ވެސް އެނގިވަޑައިގެންފައި ވާނީ ފުލުހުން އެ ރަށަށް ގޮސް ރެއިޑުކޮށް މަޖިލީސް މެންބަރުންނާއި އެ ނޫން މީހުން ހައްޔަރު ކުރި ފަހުން ކަމަށާއި ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރި މީހަކު ވިޔަސް ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތު ކުރެވޭ ނަމަ އެ މައްސަލައެއް ތަހުގީގުކޮށް އެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެންނަން ފުލުހުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ ހައްޔަރު ކުރި މީހުންނަށް އަނިޔާކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދިއުމާ ގުޅިގެން އެ މައްސަލަ ބެލުމަށް ހޮނިހިރު ދުވަހުގެ ރޭ އެ ސަރަހައްދަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްގެ ޓީމެއް ފޮނުވި ކަމަށެވެ. އަދި އޭގެ އިތުރަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ހިއުމަންރައިޓްސް ކޮމިޝަންގެ ޓީމެއް އެ ރަށަށް ދިޔުމަށް ފުލުހުންގެ އިދާރާ އިން އެދިފައިވާނެ ކަމަށެވެ.

"ޕޮލިސްގެ ޕްރޮފެޝަނަލް ސްޓޭންޑަޑްގެ ޓީމެއް އެ ދިމާލަށް ފޮނުވިން އެކަން [އަނިޔާ ކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް] ބަލަން އަދި ހަމައެއާއެއްކޮށް އަޅުގަނޑުމެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ވެސް ދެންނެވިން އެ ބޭފުޅުންގެ ޓީމެއް ފޮނުއްވަން. އަޅުގަނޑުމެން އެދޭކަމާއި އެ ބޭފުޅުން ބޭނުންވިއްޔާ އެކަންކަމުގައި އަޅުގަނޑުމެން ފެސިލިޓޭޓް ކޮށްދޭނެ ކަމަށް،" ރިޔާޒު ވިދާޅުވި އެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ފުލުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށާއި ގާނޫނާއި ޚިލާފު އަމަލެއް ފުލުހަކު ހިންގައިފި ނަމަ އެކަމެއް ކުރި ފުލުހަކު އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް ކޮމިޝަނަރު ރިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާނޫނާ ޚިލާފަށް ފުލުހަކު އަމަލު ކޮށްފައިވާ ނަމަ ފުލުހުންގެ ތެރޭގައި ހަމަޖެހިފައިވާ ނިޒާމުގެ ތެރެއިން އެކަމެއް ބަލައި އެ ފުލުހަކާ މެދު ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންނާ ބައްދަލުކުރައްވައި ޖާބިރު ވަނީ ހޮނޑައިދު އަށް ފުލުހުން އަރައި އޭނާ އަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށް ވިދާޅުވެ ފުލުހުންނާއި ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސް ވަހީދު އޭގެ ޒިންމާ ނަންގަވަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އެ ބައްދަލުވުމުގައި ޖެންޑާ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރު އަދި ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ވިދާޅުވީ ފުލުހުން ޖާބިރަށް އަނިޔާ ކުރި ކަމަށެވެ.

ނަމަވެސް ދިޔާނާގެ ވާހަކަ ފުލުހުން ދޮގުކުރައްވަ އެވެ.