ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކަރުދާސް ބޭނުން ކުރާ ވަރު މަދުކުރަން 2010 ވަނަ އަހަރު ހިންގި 2.1 މިލިއަން ރުފިޔާގެ "ޗެމްބާ އޮޓޮމޭޝަން" ޕްރޮޖެކްޓްގައި ނުހަމަ ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ތުހުމަތުކުރައްވާފައިވާތީ އެކަންތައްތައް ތަހުގީގު ކުރުމަށް ރައްޔިތުން މަޖިލީހުން އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވައިފި އެވެ.

މަޖިލީހުގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވަނީ އެ ޕްރޮޖެކްޓްގެ އެކި މަރުހަލާގައި ކަން ހިނގާފައިވާ ގޮތް އިތުރަށް ތަހުގީގު ކުރުމަށް އެ މައްސަލަ އޭސީސީއަށް ފޮނުވަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އޮޑިޓާ ޖެނެރަލްގެ އެދުމަށް އެ މައްސަލަ އޭސީސީއަށް މަޖިލީހުގެ ރައީސް ހުށަހެޅުއްވީ މިއަދުގެ ވަގުތެއްގައި ކަމަށާއި އެ ޕްރޮޖެކްޓްގެ މަރުހަލާތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް ފާހަގަ ކުރެއްވި މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް އޭސީސީގައި އެދިވަޑައިގެންފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް މިއަދު ވަނީ އޮޑިޓާ ޖެނެރަލަށް ޝުކުރު އަދާ ކުރައްވާ ސިޓީ ފުޅެއްވެސް ފޮނުވައިފަ އެވެ. އެ ސިޓީފުޅުގައި މަޖިލީހުގެ ރައީސް ވިދާޅުވެފައިވާ ކަމަށް އިދާރާއިން ބުނީ އިޞްލާޙްކުރަން އޮޑިޓްގައި ލަފާދީފައިވާ ކަންތައްތަކާއި އެއްގޮތަށް ޢަމަލުކުރުމަށް މަޖިލީހުގެ އިސް މުވައްޒަފުންނަށް މިހާރު އަންގާ އިރުޝާދު ދީފައިވާ ކަމަށެވެ.