ހދ. ހޮނޑައިދޫގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަންގައި ފުލުހުން އަމަލުކޮށްފައިވާނީ ފުލުހުންގެ ގާނޫނާއި އޭގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ޕްރޮފެޝަނަލް ކަމާ އެކު ކަމަށް ފުލުހުން ބުނެފި އެވެ.

މަސްތުވެގެން ތިބި ކަމުގެ ތުހުމަތުގައި އެ ރަށުން ހައްޔަރުކުރީ ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ކުރީގެ ރައީސް ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރުކަން ކުރެއްވި އިބްރާހިމް ހުސެން ޒަކީ އާއި ކުރީގެ ޕްރެސް ސެކްރެޓަރީ މުހަންމަދު ޒުހައިރު (ޖުހާ)އާ އިތުރު އާންމުންތަކެކެވެ.

އެބޭފުޅުން ވިދާޅުވެފައިވަނީ އެ އޮޕަރޭޝަންގެ ތެރޭގައި ފުލުހުން އެ މީހުންނަށް ވަރަށް އަނިޔާ ކުރި ކަމަށެވެ.

ނަމަވެސް އެ ވާހަކަތައް ދޮގުކުރަމުން ފުލުހުންގެ ތަރުޖަމާން ހަސަން ހަނީފު މިއަދު ވިދާޅުވީ އެފަދަ ޝަކުވާތަކެއް އެ އޮޕަރޭޝަންގެ ވާހަކަތައް އާންމުވި ވަގުތުން ފެށިގެން ފުލުހުންނަށް ލިބުމާއި އެކު ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްގެ ޓީމަކުން އެ އޮޕަރޭޝަން ހިނގާފައިވާ ގޮތް ބަލާފައިވާ ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެ އޮޕަރޭޝަން ފުލުހުން ހިންގާފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

"އެ ބޭފުޅުން ބެއްލެވި ބެއްލެވުމަށް ފަހުވެސް ވިދާޅުވީ މުޅި އޮޕަރޭޝަން ހިނގާފައިވަނީ ގާނޫނާއި ގަވާއިދުގެ ތެރެއިން ޕްރޮފެޝަނަލްކޮށް ކަމަށް. އަދި އެ ބޭފުޅުންވެސް މިހާތަނަށް މައްސަލައެއް އޮތްކަމަށް ފާހަގަކޮށްފައެއްނެތް،" ހަނީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޝަކުވާތައް އެގޮތަށް ހުރުމުން އެ މައްސަލަ އިތުރަށް ބެލުމަށް ފުލުހުން މިހާރު އެ މައްސަލަތައް ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަންރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށާއި އެ ކޮމިޝަންތަކަށް އެ އޮޕަރޭޝަން ހިނގިގޮތް ބެލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އޮޕަރޭޝަންގެ ތަހުގީގު ޓީމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށާއި އޭރުން އޮޕަރޭޝަން ހިނގާ ދިޔަގޮތުގެ ފޮޓޯ އާއި ވީޑިއޯވެސް އާންމު ކުރައްވާނެ ކަމަށެވެ.

"އަނިޔާއެއް ފުލުހުން ކޮށްފައެއް ނުވާނެ. އެ އޮޕަރޭޝަންގައިވެސް ފުލުހުން އަމަލުކޮށްފައިވަނީ އަދި ބެލި ބެލުމުންރަނގަޅަށް. އަޅުގަނޑުމެން ފޮޓޯވެސް އަދި ވީޑިއޯވެސް އާންމު ކުރާނަން،" ހަނީފު ވިދާޅުވި އެވެ.

ފުލުހުންގެ އެ އޮޕަރޭޝަނާއި ގުޅުވާ ދެއްކޭ ވާހަކަތަކަކީ ދޮގެއް ކަމަށް ހަނީފު ވިދާޅުވި އެވެ. އަދި ފުލުހުންގެ އަގު ވައްޓާލުމަށް ދެއްކޭ އެފަދަ ވާހަކަތަކާ މެދު ފުލުހުން ހިތާމަ ކުރާކަމަށްވެސް ވިދާޅުވި އެވެ.

"އެފަދަ ވާހަކަތަކާ މެދު އަޅުގަނޑުމެން ހިތާމަކުރަން،" ހަނީފު ވިދާޅުވި އެވެ.

ފުލުހުންގެ އެ އޮޕަރޭޝަންގައި ޖުމްލަ 10 މީހަކު ހައްޔަރު ކުރީއިރު ހާލުދެރަވެގެން އިބްރާހިމް ހުސެން ޒަކީ ކުޅުދުއްފުށީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަހުން މާލެ ގެނެސް އޭޑީކޭގައިވެސް ވަނީ ފަރުވާދީފަ އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި ދެ މީހަކު ފިޔަވައި އެހެން އެންމެން ވަނީ ކުޅުދުއްފުށީ ކޯޓަށް މުއްދަތު ޖަހަން ގެންދިޔުމުން ދޫކޮށްލައިފަ އެވެ.