ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކާމާ މެދު ސުވާލު އުފައްދިފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި މިއަދު ބާއްވައިފި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމްގެ ފަރާތުން ދައުވާ ހުށަހަޅުއްވަމުން ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް ވަކާލާތު ކުރައްވައި އޭގެ ތަފްސީލުތައް ޝަރީއަތަށް އިއްވާފަ އެވެ.

ސުއޫދު ވިދާޅުވީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 136 ވަނަ މާއްދާ ބުނާގޮތުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށްވާއިރު އޮކްޓޯބަރު 4، 2010 ގައި ރައީސުލް ޖުމްހޫރިއްޔާގެ ގަރާރަކުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީހުން ދިރިއުޅޭ ރަށްތައް ކަނޑައަޅުއްވައި ރައީސުލް ޖުމްހޫރިއްޔާ ނެރުނު ގަރާރުގައި ވިލިމާލެއާއި ހުޅުމާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅަކީ ވެސް މާލޭގެ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި ކޯޓުތަކާ ބެހޭ ގާނޫނުގެ 63 ވަނަ މާއްދާގައި ބުނާގޮތުން މެޖިސްޓްރޭޓް ކޯޓުތައް ހުންނަންވާނީ ހަތަރު ސުޕީރިއާ ކޯޓު ގާއިމް ވެފައިވާ މާލެ ފިޔަވައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކަމަށާއި އެހެންކަމުން ހުޅުމާލެއަކީ މާލޭގެ ބަޔަކަށް ވާތީ ހުޅުމާލޭގައި ގައި އުފައްދާފައިވާ މެޖިސްޓްރޭޓް ކޯޓަކީ ގާނޫނާއި ޚިލާފަށް އުފައްދާފައިވާ ކޯޓެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ވަކީލު އަބްދުލް ފައްތާހު ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ކުރިން އުފެދިފައިވާ ކޯޓެއްކަމަށާއި އެ ކޯޓު މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުވީ ކޯޓުތަކާ ބެހޭ ގާނޫނު އައުމަށް ފަހު ކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ކޯޓަކީ ޖޭއެސްސީން އުފެއްދި ކޯޓެއް ނޫންކަމަށެވެ. އަދި އަދުލުއިންސާފު ފަސޭހައިން ފޯރުކޮށްދިނުމަށް ކޮންމެ ރަށެއްގައި ކޯޓެއް ހުންނަން ޖެހޭނެ ކަމަށް ވެސް ފައްތާހު ވިދާޅުވި އެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭ ކޯޓަކީ ގާނޫނީ ކޯޓެއްކަމަށް ވަކާލާތުކުރައްވާ އެގޮތަށް ޖޭއެސްސީން ދެކޭ ސަބަބުތައް ވެސް ފައްތާހު ވަނީ ޝަރީއަތަށް އިއްވާފަ އެވެ.

މިއަދުގެ ޝަރީއަތުގައި އެ މައްސަލައިގެ ތެރެއަށް ދަތައްހުލްވި ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ބުނީ ހުޅުމާލޭ ކޯޓަކީ ގާނޫނު އަސާސީއާއި ގާނޫނާއި ޚިލާފަށް ޖޭއެސްސީން އުފައްދާފައިވާ ކޯޓެއްކަމަށެވެ.

ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސެއިން ވެސް ވަނީ ހުޅުމާލޭ ކޯޓަކީ ގާނޫނާއި ޚިލާފު ކޯޓެއްކަމަށް ވަކާލާތު ކުރައްވައި އެގޮތަށް ދެކެވަޑައިގަންނަވާ ސަބަބުތައް ޝަރީއަތަށް އިއްވާފަ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލޭގައި ކޯޓެއް އުފެއްދުމުގެ ހުއްދައަކަށް އެދި 2007 ވަނަ އަހަރު އޭރުގެ ޖަސްޓިސް މިނިސްޓަރު ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުއްވިކަމަށެވެ. އަދި އޭގެ ޖަވާބުގައި މާލޭގައި ހުރި ކޯޓުތަކުން ބަލާ ބައެއް މައްސަލަތައް ބެލޭގޮތަށް ކޯޓުތަކުގެ ބްރާންޗެއް ހުޅުމާލޭގައި އުފެއްދުމަށް އޭރުގެ ރައީސް ހުއްދަދެއްވާފައިވާ ކަމަށާއި އެހެންކަމުން ކޯޓުތަކާ ބެހޭ ގާނޫނު ވުޖޫދަށް އައި އިރު ރަށްރަށުގައި ހުރި ކޯޓުތައް މެޖިސްޓްރޭޓް ކޯޓުތަކަށް ބަދަލުވާ އުސޫލުން ހުޅުމާލޭގައި ހުރި ކޯޓެއްގެ ގޮތްޕެއް މެޖިސްޓްރޭޓް ކޯޓަކަށް ބަދަލުނުވާނެ ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން އެއްވެސް ކަމެއް އިއުލާން ކުރައްވާފައެއް ނުވެއެވެ. ހަމައެކަނި ވިދާޅުވީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ކަމަށެވެ.