ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒު އާއި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ނެރުނު އަމުރު އެ ކޯޓުން މިއަދު ބާތިލް ކޮށްފި އެވެ.

ފުލުހުންގެ ތަރުޖަމާން ހަސަން ހަނީފު މިއަދު ވިދާޅުވީ ނާޝިޒާއި އާޒިމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން ނެރުނު އަމުރު ބާތިލްކޮށް ސިވިލް ކޯޓުން ފޮނުވި ލިއުން މިއަދު ހަވީރުގެ ވަގުތެއްގައި ލިބިފައިވާ ކަމަށެވެ. އަދި އެ އަމުރު ބާތިލް ކުރީ މައްސަލަ ބައްލަވައި ގާޒީ ރާއްޖޭގައި ނޫޅުއްވުމާއި މިހާރު މައްސަލަ ބައްލަވާ ގާޒީގެ އެހެން މައްސަލަތަކެއް ޝެޑިއުލްކޮށްފައި ހުރުމުން ކަމަށް އަމުރު ބާތިލް ކުރަން ފޮނުވި ލިއުމުގައިވާ ކަމަށް ވަނީ ހަނީފް ވިދާޅުވި އެވެ.

ނާޝިޒާއި އާޒިމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މިއަދު ފޮނުވި އަމުރުގައި ވަނީ މާދަމާ 1:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ އަމުރު ކުއްލި ގޮތަކަށް ބާތިލް ކުރީއިރު ރައްޔިތުން މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން މާދަމާ މަޖިލީހުގައި ވޯޓަށް އެެހުމަށް ވަނީ ޝެޑިއުލްކޮށްފަ އެވެ.

އާޒިމާއި ނާޝިޒް ގެރެންޓީ ދީގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ ވަނީ މިހާތަނަށް ނުދައްކަ އެވެ. އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރަނީ އެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ފައިސާ ދެއްކުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންކަން ވަނީ އެނގިފަ އެވެ. އެ ހުކުމް ރައްދުވާ މީހުންގެ ތެރޭގައި މ. ރަފީގުގޭ އަހްމަދު ރަޝީދުވެސް ހިމެނެ އެވެ. އެ ހުކުމް ދެން ރައްދުވަނީ ރީތި ބީޗް ޕްރައިވެޓް ލިމިޓާއި ކަނބާލިފަރު އިންވެސްޓްމަންޓްގެ މައްޗަށެވެ.