18 Nov 2012, 17:16
މަޖިލީހުގައި ނަގައި އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ވޯޓު ދިނުމަށާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ފަހުމީ ހަސަން މަގާމުން ވަކިކުރަން ވޯޓު ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕް ނެރެފި އެވެ.
މަޖިލީހުގައި ނަގާ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރު ކުރަން ފެންނަ ކަަމަށް ކޮމެޓީން ނިންމާފައިވާ ނިންމުމަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފައި ވަނީ މާދަމާ އަށެވެ.
ފަހުމީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވީ އެ ދެ މައްސަލައިގައި ވެސް ތްރީލް ލައިން ވިޕް ނެރުނީ މިއަދު ބޭއްވި ޕާލިމަންޓްރީ ގުރޫޕުގެ އިއްތިފާގުން ކަމަށެވެ.
ތްރީލައިން ވިޕަކީ އެ ޕާޓީއަކުން ކަނޑައަޅާ ގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް މެންބަރުންނަށް އަންގާ އެންގުމެކެވެ.
"ކޮމެޓީން ފާސްކޮށްފައި އޮތް ގޮތަށް އެއީ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރަން ތްރީލައިން ވިޕް ނެރުނީ. އަދި ފަހުމީގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ވިޕް ނެރުނީ،" އިބޫ ވިދާޅުވި އެވެ.
މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހަށް އިސްލާހު ހުށަހެޅީ އެމްޑީޕީންނެވެ. އެ އިސްލާހު ދިރާސާ ކުރުމަށް ފަހު އާންމު ކޮމެޓީން ވަނީ އެ އިސްލާހު ފާސްކޮށްފަ އެވެ. އަދި ފަހުމީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވަނީ ފަހުމީ ސީއެސްސީގެ މުވައްޒިފަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ތަހުގީގު ކުރުމަށް ފަހު އޭނާ އަމިއްލަ އަށް އިސްތިއުފާދޭން ދިން މުއްދަތުގައި އޭނާ އިސްތިއުފާ ދީފައި ނުވާތީ އެވެ.