އިދާރީ ގޮތުން އެއްކުރާ ރަށްތައް ކަމަށް ބުނެ ސަރުކާރުން އިއުލާނުކޮށްފައިވާ 99 ރަރުގެ ލިސްޓަށް ސަރުކާރާއެކު އެއްބަސްވެފައިނުވާނެ ކަމަށް ޑީއާރްޕީން މިއަދު ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ވިދާޅުވީ ސަރުކާރާއެކު ދެކެވުނު ވާހަކަތަކުގައި ސަރުކާރުން މިއަދު ނެރުނު ރަށްތަކުގެ ލިސްޓަށް ޑީއާރްޕީން އެއްބަސްނުވާ ކަމަށާއި އެއީ މާ މުހިންމު ލިސްޓެއް ކަމަށް ޑީއާރްޕީން ނުވެސް ދެކޭ ކަމަށެވެ.


"އަޅުގަނޑުމެން ލިސްޓަކަށް އެއްބަހެއް ނުވަން އަޅުގަނޑުމެންގެ އެއްބަސްވުމުގައެއް ނޯންނާނެ ލިސްޓެއް. އެބޭފުޅުންގެ ހުށަހެޅުމަކީ، އެބޭފުޅުން ބޭނުން ވަނީ 1000 މީހުންގެ އާބާދީއެއް އޮންނަން. އެއީ މުހިންމު ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން. އަޅުގަނޑުމެން އެ ކަމަކަށް އެއްބަހެއްނުވަން. އެއީ އެ ބޭފުޅުން އެއްހާސް މީހުންނޭ ދެހާހޭ ކިޔަސް އެކަމަށް ގޮތެއް ނިންމާނީ ރައްޔިތުން،" ރޮޒައިނާ ވިދާޅުވި އެވެ. ރޮޒައިނާ ވިދާޅުވީ ވާހަކަތައް ދެކެވުނުއިރު ގުޅުވާލާ ރަށްތައް ކަމަށް ބުނެ ލިސްޓެއް ދެއްކި ކަމަށާއި އޭގައި ބައެއް ރަށްތައް މަދުކަމަށެވެ. "މިސާލަކަށް މިއަދު ލިސްޓު ނެރުނުއިރު އެބައޮތް ކ. ހުރަ އާއި ހިންމަފުށި، އެކަމަކު ދެއްކި ލިސްޓަކު ނެތް،" ރޮޒައިނާ ވިދާޅުވި އެވެ. "އެ ބޭފުޅުންނަކަށް ނެތް އެހާ ރަނގަޅަކަށް އެ ލިސްޓް ހެދިފައެއް ވެސް. ގައިމުވެސް އަޅުގަނޑުމެން އެލިސްޓަކާ އެއްބަހެއްނުވަން."


ރޮޒައިނާ ވިދާޅުވީ ވާހަކަތަކުގައި ޑީއާރްޕީގެ ވާހަކައަކީ ރައްޔިތުން ނުގަބޫލު ނަމަ ގަދަކަމުން ގުޅުވަން މަސައްކަތް ނުކުރުވުން ކަމަށާއި ލިސްޓަކީ މުހިންމު އެއްޗެއް ނޫން ކަމަށެވެ."ކޮންމެ އެއްޗެއް ނެރުނަސް މިއީ ރައްޔިތުންގެ ކަމެއް. އެމީހުންގެ ނުގަބޫލަކު ނުކުރެވޭނެ އެންމެ މީހަކު ހުއްޓަސް."


އޭނާ އަދި ވިދާޅުވީ ސަރުކާރުން ގަދަކަމުން ރަށްތައް ގުޅުވަން މަސައްކަތް ކޮށްފިނަމަ އެކަމާ ދެކޮޅަށް ޑީއާރްޕީ ނުކުންނާނެ ކަމަށާއި ގަދަކަމުން ގުޅުވާތީ ހިތްހަމަނުޖެހޭ ރަށެއްގެ އާބާދީއަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.