ކުރެއްދޫ އައިލެންޑް ރިސޯޓްގެ 24 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އެ ރިސޯޓުގައި ފުޓްބޯޅަ މުބާރާތެއް ފަށައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުރެއްދޫ ރިސޯޓުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައި ފެށި މުބާރާތުގައި ޖުމްލަ 16 ޓީމް ވާދަކުރެ އެވެ. މުބާރާތުގައި ވާދަކުރާ ޓީމްތަކުގެ ތެރޭގައި އެ އަތޮޅު ކުރެންދޫ، ހިންނަވަރު، ނައިފަރު، އޮޅުވެލިފުށި ކޮމަންޑޫ އައިލެންޑް ރިސޯޓް، ކަނުހުރާ އައިލެންޑް ރިސޯޓް، އިރުފުށި އައިލެންޑް ރިސޯޓް ނ. ވެލިދޫ، ކުޑަފަރީ، މަނަދޫ އެމްއެންޑީއެފް ނޮދަން އޭރިޔާ، ފެލިވަރު ޓީއެމްއޭ އަދި ކުރެއްދޫ ރިސޯޓުން ނިކުތް ތިން ޓީމް ހިމެނެ އެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތެރިވާ ކުރެއްދޫ ރިސޯޓުގެ އޮފިޝަލަކު ބުނީ، މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމެއްގެ އަތުން 1،500ރ. ނަގައިގެން ކުޅެވޭ މިމުބާރާތުގެ ފައިސާ ކުޑަކުދިންގެ ހިޔާއަށް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މުބާރާތުގެ މެޗްތައް ކުރިއަށްދާ ވަގުތު ދަނޑުން ބޭރުގައި ފައިސާ ހޯދުމަށް ފަންޑު ފޮށިތަކެއް ބަހައްޓާފައިވާ އިރު، އެ ފޮށިތަކުން ލިބޭ ފައިސާ ވެސް ކުޑަކުދިންގެ ހިޔާ އަށް ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މުބާރާތުން ލިބޭ ފައިސާ އަޅުގަނޑުމެން ހަދިޔާ ކުރުމަށް ނިންމާފައި ވަނީ ކުޑަކުދިންގެ ހިޔާ އަށް. ފައިސާ ހޯދުމަށް ކުރެއްދޫ ރިސޯޓުގެ ތިން ޓީމުގެ ޖޯޒީ ވިއްކުމަށް ވަނީ ހަމަޖެހިފައި. ދަނޑު ބޭރުގައި ވެސް ފައިސާ ހޯދުމަށް ފަންޑު ފޮށި، ފޮށި ހުންނާނެ." އޮފިޝަލް ވިދާޅުވި އެވެ.

މިމުބާރާތަކީ ނޮކްއައުޓް އުސޫލުން ކުރިއަށްދާ މުބަރާތެއް ކަމަށް ވެސް އޮފިސަލް ވިދާޅުވި އެވެ.