ރަހުމުކުޑަ ގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމް އަލީގެ ގާތިލުން ތަހުހީގަށް ހޯދިފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ޖަމީލު ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް ތޫނު ހަތިޔާރު ބޭނުންކޮށްގެން އަވަހާރަކޮށްލި މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު މިހާރު މުޅިން ނިމިފައިވާ ކަމަށާއި އެކަން ހިންގާފައިވާ ގޮތް ފުލުހުންގެ ތަހުގީގަށް މުޅިން ކަށަވަރު ވެފައިވާ ކަމަށެވެ. އަދި ފުލުހުން ވަރަށް އަވަހަށް އެކަން ރައްޔިތުންނަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް ޖަމީލު ވިދާޅުވި އެވެ.

"އަފްރާޝީމް މަރާލި މީހުން މިހާރު ވަނީ ހޯދިފައި. ފުލުހުންގެ ތަހުގީގަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ. އިރާދަ ކުރެއްވިއްޔާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ތިޔަ ބޭފުންނަށް އެކަން ހިންގާފައިވާ ގޮތް ހާމަކުރައްވާނެ،" ޖަމީލު ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެެންމެ ފަހުން ޕްރެސްކޮންފަރެއްސެއް ބާއްވާފައި ވަނީ މީގެ ހަތަރު ހަފުތާ ކުރިންނެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލައާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ސިޑި ކައިރިންނެވެ.