18 Nov 2012, 15:53
އިތުބާރު ނެތް ކަމުގެ މައްސަލައެއް ހިނގަމުން ދަނިކޮށް މެންބަރުން ހައްޔަރު ނުކުރެވޭ ގޮތަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ މާއްދާއާ މެދު ގޮތެއް ނިންމަން ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ފޮނުވަން ސަރުކާރުން ނިންމާފައިވާ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހަންމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ގާނޫނު ހިންގުމާއި އަސާސީ ހައްގުތައް ފޯރުކޮށްދިނުމުގައި އެއްވެސް މީހަކަށް ތަފާތު ކުރުމެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 20ވަނަ މާއްދާގައި ހުރިހާ އެންމެންނަކީވެސް ހަމަހަމަ ވެގެންވާ ބައެއްގެ ގޮތުގައި ބަޔާންކޮށްފައިވާ އިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިޔަސް ޖިނާއީ ކުށެއްގައި ތުހުމަތު ކުރެވޭނަމަ އެ ބަޔަކު ހައްޔަރު ކުރެވޭނެ ކަމަށް ސަރުކާރުން ދެކޭ ކަމަށް ޖަމީލް ވިދާޅުވި އެވެ.
"މި އުޅެނީ ދެ މުއައްސަސާއެއްގެ ދެ މެދުގައި ގަވާއިދު މާނަ ކުރުމުގެ ތަފާތެއް. މަޖިލީހުގެ ގަވާއިދު އެބަ ބުނޭ އެބޭފުޅުން މަޖިލީހުގެ ތެރޭގަ ވަކި ކަހަލަ ކަންތައްތަކެއް ހުށަހެޅިފައި އޮއްވާ އެ ބޭފުޅުން ކޮންމެ ފަދަ ޖިނާއީ އަމަލެއް ހިންގި ނަމަވެސް ހައްޔަރު ނުކުރެވޭނެ ކަމަށް. އެއީ ކިތަންމެ ބޮޑު އަދި ކިތަންމެ ސީރިއަސް މައްސަލައެއް ކަމަށްވިއަސް އެފަދަ ކަމެއް ހިނގާފަ އޮތް ވަގުތަކު އެބޭފުޅަކު ހައްޔަރު ނުކުރެވޭނެ ކަމަށް،" ޖަމީލް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންގެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ ކަމަށެވެ.
ޖަމީލް ވިދާޅުވީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާގައި ޖިނާއީ ހުރިހާ ކުއްތަކެއް ހުއްޓުވުމާއި ކުއްތައް ބަލާ ތަހުގީގު ކުރުމާއި ރައްޔިތުންނަށް ރައްކާ ތެރިކަން ފޯރު ކޮށްދޭން ފުލުހުންގެ މައްޗަށް ލާޒިމު ކުރާ އިރު އެ މާއްދާއާވެސް ރައްޔިޔުންގެ މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާ ފުށުއަރާ ކަމަށެވެ.
އަދި ފުލުހުންގެ ގާނޫނުގެ އަށްވަނަ މާއްދާގެ "ށ"ވެސް އެ މާއްދާ ތައާރުޒުވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ މާއްދާގެ ދަށުން އެއްވެސް ޖިނާއީ އަމަލެއް ހިންގައިފި ނަމަ އެމީހަކު ހައްޔަރު ކުރުމާއި އެމީހެއްގެ ކިބައިން ނަގަން ޖެހޭ ސާމްޕަލް ނަގާ އަދި އެމީހަކު ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.