18 Nov 2012, 15:37
ތަފާތު އެކި މައްސަލަތަކުގައި 110 އަހަރަށް ހުކުމް ކޮށްފައި ހުއްޓައި ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
މަސްތުވާތަކެއްޗާއި ބަދުއަޚްލާގީ މައްސަލަތަކުގައި އެކި ފަހަރުމަތިން ހުކުމް ކޮށްފައި ހުރި ފުވައްމުލަކު ހޯދަނޑު، ގްރީޓް، އިބްރާހިމް އުޝާމް، 23، ފުލުހުންގެ ހައްޔަރުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް، 15 ދުވަސް ޖަހައިދީފައި ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުންނެވެ.
އަދި އެ ދެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރި އިރު، އެގޭތެރެ އިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމަކާއި ކުޑަ ފުޅިއެއްފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 1.5 ލީޓަރުގެ ކޯކް ހުސްކުރި ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމުށް ބޭނުންކުރާ ހަތަރު ކުކަރު ވެސް ފެނިފައިވާ ކަމަށެވެ.
ފުވައްމުލަކު ޗަކަ ބިމުގައި އިއްޔެ ހަވީރު ވެސް ބަނގުރާ ކައްކަން ތިބި ހަތަރު މީހަކާއި ދެ ކުޑަކުދިން ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުން ބުނީ އިބްރާހިމް އުޝާމް ނޭޝަނަލް ޑްރަގް އެޖެންސީން ފަރުވާދިނުމަށް ޓަކައި އެ އެޖެންސީއާ ހަވާލުކޮށްފައި ވަނިކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން ވެސް އޭނާ ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.