18 Nov 2012, 14:56
ކުދި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީ އިން ޖާނަލްއެއް ނެރެފި އެވެ.
ޑިފެންސް މިނިސްޓްރީގެ "ޓްރޭނިންގް އެންޑް ޑޮކްޓަރިން ކޮމާންޑުން" ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ޖާނަލް އިފްތިތާހު ކޮށްދެއްވީ އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިސިޒް މިޝޭލް ސީސޯން އެވެ.
އެ ޖާނަލް އިފްތިތާހު ކުރުމަށް ފަހު އެމެރިކާގެ ސަފީރު ވިދާޅުވީ އެ ޖާނަލްގެ ސަބަބުން ދިވެހި ރާއްޖޭގެ މުހިންމު ސްޓްރެޓެޖީ އަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އެމެރިކާ އިން އަބަދުވެސް ސަމާލުކަންދޭ ކަމަށާއި އެގޮތުން މި ސަރަހައްދުގެ ގައުމުތަކާ އެކު އެމެރިކާ އިން ރަނގަޅު ގުޅުމެއް ގާއިމުކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ދިވެހި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮމާން ގުޅުމަށް އިޝާރާތް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ އައްޑޫގައި އެމެރިކާ ސިފައިން ދާދިފަހުން ދިވެހި ސިފައިންނަށް ދިން ތަމްރީނުތަކަކީ ކާމިޔާބު ތަމްރީންތަކެއް ކަމަށާއި ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ކުރިމަގުގައި ވެސް އެމެރިކާ އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ދިވެހި ރާއްޖެއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެމެރިކާގެ ސްޓްރެޓެޖިކް ބައިވެރިއަކަށްވީތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު ކާނަލް ރިޓެޔާޑް މުޙައްމަދު ނާޒިމް ވިދާޅުވީ "ދި އެޓޯލް" ޖާނަލް އަކީ ކުދި ޖަޒީރާ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި އަދި ބައިނަލް އަގްވާމީ ސަލާމަތަށް ސަމާލުކަންދީގެން އެ މިނިސްޓްރީ އިން ތަޢާރަފު ކުރި ޖާނަލްއެއް ކަމަށެވެ. އަދި އެ ޖާނަލްއަކީ ސިފައިންގެ ވަރަށް ގިނަ ބައެއްގެ ގިނަ ދުވަސްވީ ހުވަފެނެއް ކަމަށް ވެސް ނާޒިމު ވިދާޅުވި އެވެ. އަދި ވިދާޅުވީ "ދި އެޓޯލް" ޖާނަލް ތައާރަފްވުން ވެގެންދާނީ ގައުމީ ސަލާމަތާއި ބައިނަލްއަގްވާމީ ސަލާމަތަށް ކުރެވޭ މަސައްކަތުގައި ހާސިލްކުރެވޭ މުހިއްމު ލަނޑުދަނޑިއެއް ކަމަށާއި މިއީ އިސްތިރާޖީ އަދި ސަލާމަތީ ކަންކަމުގައި ބީނާކުރުވަނިވި އަދި ތަޢުލީމީ ބަޙުސް ކުރުމަށް ޢިލްމީ އޮފިސަރުންނާއި އާންމުނަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.