ތަފާތު އެކި މައްސަލަތަކުގައި 110 އަހަރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހަކު ބަނގުރަލުގެ މައްސަލައެއްގައި ފުވައްމުލަކުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާއި ބަދުއަޚްލާގީ މައްސަލަތަކުގައި އެކި ފަހަރުމަތިން ހުކުމް ކޮށްފައި ހުރި ފުވައްމުލަކު ހޯދަނޑު، ގްރީޓް، އިބްރާހިމް އުޝާމް، 23، ހައްޔަރު ކޮށްފައި ވަނީ ރޭ 11:15 އެހާކަންހާއިރު އެވެ. އޭނާއާ އެކު 15 އަހަރުގެ ކުޑަ ކުއްޖަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ހޯދަޑު އަވަށުގައި ހުރި ފަޅުގެއެއްގައި ބަޔަކު ބަނގުރާ ކައްކަމުންދާ ކަމަށް ފުލުހުންނަށް ލިބުނު މަޢޫލޫމާތަކާ ގުޅިގެން ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރު ކޮށްފައި ވަނީ ބަނގުރާ ކައްކަމުން ދަނިކޮށް ކަމަށެވެ.

އަދި އެ ދެ މީހުން އެވަގުތު ތިބި ގެ ބަލައި ފާސްކުރި އިރު، އެގޭތެރެ އިން ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ލީޓަރުގެ ހަމަކާއި ކުޑަ ފުޅިއެއްފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 1.5 ލީޓަރުގެ ކޯކް ހުސްކުރި ފުޅިއެއްގެ އިތުރުން ބަނގުރާ ކެއްކުމުށް ބޭނުންކުރާ ހަތަރު ކުކަރު ވެސް ފެނިފައިވާ ކަމަށެވެ.

ފުވައްމުލަކު ޗަކަ ބިމުގައި އިއްޔެ ހަވީރު ވެސް ބަނގުރާ ކައްކަން ތިބި ހަތަރު މީހަކާއި ދެ ކުޑަކުދިން ވަނީ ހައްޔަރު ކޮށްފަ އެވެ.

ފުލުހުން ބުނީ ބަނގުރަލުގެ މައްސަލައާ ގުޅިގެން ރޭ ހައްޔަރު ކުރި އިބްރާހިމް އުޝާމްއަކީ ޑީޕީއާރުއެސްގައި ހުކުމް ތަންފީޒްކުރަމުން ދަނިކޮށް ނޭޝަނަލް ޑްރަގް އެޖެންސީގެ އެދުމުގެ މަތިން 2011 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭ، އިތުރަށް ފަރުވާދިނުމަށް އެ އެޖެންސީއާ ހަވާލުކޮށްފައިވާ މީހެއް ކަމަށެވެ.

އުމުރުން 23 އަހަރުފެ އުޝާމްގެ މައްޗަށް 110 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ އިރު، ގިނައީ މަސްތުވާތަކެއްޗާއި ބަދުއަޚްލާޤީ މައްސަލަތަކުގެ ކުށުގެ ރެކޯޑެވެ.

ފުލުހުން ބުނީ އިބްރާހިމް އުޝާމް ނޭޝަނަލް ޑްރަގް އެޖެންސީން ފަރުވާދިނުމަށް ޓަކައި އެ އެޖެންސީއާ ހަވާލުކޮށްފައި ވަނިކޮށް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުގެ ވަގުތެއްގައި ބަދުއަޚްލާޤީ މައްސަލައަކާ ގުޅިގެން ވެސް އޭނާ ހައްޔަރު ކުރި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ކުޑަކަމުދާ ތަކެތި ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލައާ ގުޅިގެން ފުވައްމުލަކުގައި ހުންނަ ނެޝެނަލް ޑްރަގްއެޖެންސީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.