ރައްޔިތުން މަޖިލީހުގެ އަލިފުށީ ދާއިރާގެ މެންބަރު މުހަންމަދު ނާޝިޒް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފި އެވެ.

އެ އަމުރު ކޯޓުން ނެރުނީ އެ މީހުން ކޯޓަށް ހާޒިރުކުރަން ފޮނުވި ޗިޓަށް އެ ދެބޭފުޅުން ވެސް ހާޒިރުނުވުމުންނެވެ.

ފުލުހުންގެ ތަރުޖަމާން ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނާޝިޒު އާއި އާޒިމް ފުލުހުންގެ ބަންދުގައި ބައިތިއްބައިގެން މާދަމާ މެންދުރު 1:30 އަށް ސިވިލް ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް މިއަދު ނެރެފައިވާ ކަމަށެވެ.

"އެ އަމުރު އަޅުގަނޑުމެން ތަންފީޒު ކުރާނެ. އެ އަމުރު ތަންފީޒު ކުރަން ކުރަން ޖެހޭ ކަންތައްތައް މި ދަނީ ކުރަމުން،" ހަނީފު ވިދާޅުވި އެވެ.

އާޒިމާއި ނާޝިޒް ގެރެންޓީ ދީގެން ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތަކަކަށް 117 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން 7 ފެބުރުއަރީ 2010ގައި ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އިރު އެ ފައިސާ ވަނީ މިހާތަނަށް ނުދައްކަ އެވެ. އެ ދެ ބޭފުޅުން ކޯޓަށް ހާޒިރުކުރަނީ އެ ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކާފައި ނުވާތީ ފައިސާ ދެއްކުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ބީއެމްއެލް އިން ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލައާ ގުޅިގެންކަން ވަނީ އެނގިފަ އެވެ. އެ ހުކުމް ރައްދުވާ މީހުންގެ ތެރޭގައި މ. ރަފީގުގޭ އަހްމަދު ރަޝީދުވެސް ހިމެނެ އެވެ. އޭނާވެސް ހާޒިރުކުރުމުގެ އަމުރެއް ނެރެފައިވާކަންވެސް ވަނީ ކަށަވަރުވެފަ އެވެ.

އެ ހުކުމް ދެން ރައްދުވަނީ ރީތި ބީޗް ޕްރައިވެޓް ލިމިޓާއި ކަނބާލިފަރު އިންވެސްޓްމަންޓްގެ މައްޗަށެވެ.

އާޒިމާއި ނާޝިޒު މާދަމާ ކޯޓަށް ހާޒިރުކުރާއިރު މަޖިލީހުގައި ނެގޭ އިތުބާރު ނެތް ކަމުގެ ވޯޓުތައް ސިއްރުކުރުމުގެ އިސްލާހަށް ވޯޓަށް އެހުންވެސް މާދަމާ އޮންނާނެ އެވެ. އަދި މި ދަޑިވަޅަކީ ރައީސުލްޖުމްހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައިވާ ވަގުތެކެވެ. އިތުބާރު ނެތް ކަމުގެ މައްސަލައެއް ހިނގަމުން ދަނިކޮށް މެންބަރަކު ހައްޔަރު ކުރުމަކީ މަޖިލީހުގެ 220 ވަނަ މާއްދާގެ ރ އާ ހިލާފު ކަމެކެވެ. ނަމަވެސް އެ މައްސަލައިގައި މަޖިލީހުގެ އިދާރާއިން އަދި އެއްޗެއް ބުނެފައެއްނުވެ އެވެ.