އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންގެންދާ ވަރުގަދަ ވައިގެ ހަމަލާތަކަށް ފަސް ދުވަސް ވެއްފައިވާ އިރު އެހަމަލާތައް އަދިވެސް ކުރިއަށް އެބަދެ އެވެ.

ހުއްޓާ ނުލައި އަދިވެސް ކުރިއަށް ގެންދާ އިސްރާއީލުގެ ވަރުގަދަ އުދުވާނުގައި ފަލަސްތީނުގެ 40 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނެވެ. ޣައްޒާގެ ސިއްހީ ދާއިރާގެ އޮފިޝަލުން ބުނެފައިވާ ގޮތުގައި 13 ކުޑަކުދިން ޝަހީދުވި އެވެ.

ހަމަލާތަކަށް ފަސް ދުވަސްވެފައިވާ އިރު ވައިގެ މަގުން ދެމުން ގެންދިޔަ ހަމަލާތަކުގެ އިތުރުން ކަނޑުމަގުން ވެސް މިހާރު ޣައްޒާ އަށް ހަމަލާތައް ދެމުންދާ ކަމަށް އަލްޖަޒީރާ ބުންޏެވެ.

ޣައްޒާގައި ހުންނަ އަލް ގުދުސް ޓީވީ ސްޓޭޝަނަށް އިސްރާއީލުގެ މަތިންދާބޯޓްތަކުން މިއަދު ބޮންއެޅި އެވެ. އެ ހަމަލާގައި އެތަނުގައި މަސައްކަތްކުރާ ނޫސްވެރިންތަކެއް ޒަހަމްވެފައިވާ އިރު ޖަބާލިޔާ ރެފިއުޖީކޭމްޕަށް ދިން ހަމަލާތަކުގައި ކުޑަކުއްޖަކު ޝަހީދުވެ، 12 މީހުން ޒަހަމްވި އެވެ.

ޓީވީ ސްޓޭޝަނަށް ހަމަލާދިނުމަށް ފަހު އިސްރާއީލް ސިފައިން ބުނެފައި ވަނީ ހަމަލާ ދިނީ ހަމާސް ޖަމާއަތުގެ "ޓެރަރިސްޓް ހަރަކާތްތައް" ހިންގުމަށް ބޭނުންކުރާ ޓްރާންސްމީޓަރަކަށް ކަމަށެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ހަމަލާދެމުންދާ އިރު އަވަށްޓެރި މިސްރުން ބުނަމުން ދަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކާ ހަމައަށް ވަރަށް އަވަހަށް ދެވޭނެ ކަމަށެވެ. ޣައްޒާގައި ވެރިކަން ކުރަމުން އަންނަ ހަމާސް ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ ޚާލިދު މިޝްއަލް މިހާރު ވަޑައިގެން އުޅުއްވަނީ މިސްރުގައި ކަމަށް އެޖަމާއަތާ ހަވާލާދީ އަލްޖޒީރާ އިން ބުންޏެވެ.

އިސްރާއީލް ސަރުކާރާ ވާހަކަ ދައްކައިގެން ހަމަލާތައް ހުއްޓާލުމަށް މަސައްކަތް ކުރެއްވުމަށް ފްރާންސްގެ ބޮޑުވަޒީރު ލޯރަންޓް ފަބިއަސް ވަނީ އެގައުމަށް ވަޑައިގެންފައި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.