މިދިޔަ މަހު ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން އިސްލާހުކޮށް ފާސްކުރި ޓޫރިޒަމް ގާނޫނުގައިވާ ގޮތުގެމަތީން، ރިސޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 50 އަހަރަށް ދަމާލެވޭނެ ރިސޯޓްތަކުގެ ލިސްޓް ޓޫރިޒަމް މިނިސްޓްރީ އިން އިއުލާންކޮށްފި އެވެ.
ސަރުކާރުގެ ރަސްމީ ގެޒެޓްގައި ބުރާސްފަތި ދުވަހު ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ، މިހާރު ހިނގަމުންދާ ރިސޯޓްތަކުގެ ތެރެއިން 97 ރަށެއްގެ މުއްދަތު 50 އަހަރަށް އިތުރުކުރެވިދާނެ ކަމަށެވެ. އަދި އެ ގަވާއިދުގައި އެ ރަށްތަކުގެ ލިސްޓް ވެސް އާންމުކޮށްފައިވެ އެވެ.


އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުން މުއްދަތު އިތުރު ކުރުމަށް ބޭނުންވާ ރިސޯޓްތަކުން، ގާނޫނު ގެޒެޓްގައި ޝާއިއު ކުރި ދުވަސް، މި މަހު 8 އިން ފެށިގެން "18 މަސް ދުވަހުގެ ތެރޭގައި ނިމޭ ގޮތަށް" ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.


އެ މިނިސްޓްރީން ބުނި ގޮތުގައި އެ މުއްދަތު ހަމަ ވުމަށް ފަހު ހުށަހަޅާ ރިސޯޓްތަކުގެ މުއްދަތު އިތުރެއް ނުކޮށްދެވޭނެ އެވެ.


ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ، ރިސޯޓެއްގެ މުއްދަތު 50 އަހަރަށް ދަމާލުމަށް، އިތުރު ކުރާ ކޮންމެ އަހަރަކަށް، އެއްލައްކަ ޑޮލަރު ދެއްކުމުން އެ ރިސޯޓެއްގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށެވެ. އަދި އެ ފައިސާ ދައްކާނީ އިތުރު ކުރާ މުއްދަތުގެ މައްޗަށް ބަހާލުމަށް ފަހު، އެ އަހަރަކަށް ޖެހޭ ވަރު އެ އަހަރަކު ކަމަށެވެ.


ނަމަވެސް ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައި މުއްދަތު އިތުރުކުރުމަށް ފައިސާ ދައްކާއިރު އަހަރުތަކަށް ބަހާލައިގެން ފައިސާ ދެއްކި ދާނެ ކަމަކަށް ބުނެފައެއް ނުވެ އެވެ. އެ އިއުލާންގައި ބުނެފައި ވަނީ "މުއްދަތު އިތުރުކުރުމަށް ދައްކަން ޖެހޭ ފީ ދައްކަން ޖެހޭނީ އެމެރިކާ ޑޮލަރުން" ކަމަށެވެ.


ފައިސާ ދައްކާނެ ގޮތް ގަވައިދުގައި ބަޔާންކޮށްފައި ނުވަނީ ކީއްވެގެންތޯ އާއި އަދި ލިސްޓްގައި ބައެއް ރަށްރަށް ނުހިމެނި ވަނީ ކީއްވެގެންތޯ ދެންނެވުމުން ޓޫރިޒަމް މިނިސްޓްރީގެ ޑިޕިއުޓީ މިނިސްޓަރު އިސްމާއީލް ޔާސިރު މިއަދު ވިދާޅުވީ "އެކަން ސާފުކޮށް ދިނުމަށް" ނޫސްކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.


މުއްދަތު އިތުރުކޮށްދެވިދާނެ ކަމަށް ކަނޑައަޅާފައިވާ ރަށްރަށާއި ހޮޓާ ފަދަ ތަންތަނުގެ ތެރޭގައި ނަސަންދުރަ ޕެލަސް ހޮޓަލާއި ފަރުކޮޅުފުއްޓާއި މުށިމަސްމިގިލި ފަދަ ބައެއް ތަންތަނެއް ނުހިމެނެ އެވެ. ޓޫރިޒަމް މިނިސްޓްރީގެ ނައިބު ވިދާޅުވީ ނޫސްކޮންފަރެންސުގައި އެކަންކަން ސާފުކޮށްދެއްވާނެ ކަމަށެވެ.


އެ މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން، ރިސޯޓާއި ހޮޓާ ފަދަ ތަންތަނުގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ތަންތަނުގެ ތެރެއިން މުއްދަތު އިތުރު ކުރެވިދާނެ 69 ތަނެއްގެ ލިސްޓް ވެސް އާންމުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދޫގަހާއި މާލޭ ހޮޓެލް ކިޔާ ތަނެއް ހިމެނެ އެވެ.


ޓޫރިޒަމް ގާނޫނު ކުރިން އޮތް ގޮތުން ރިސޯޓެއް އެންމެ ދިގު މުއްދަތަކަށް ކުޔަށް ދެވެނީ 35 އަހަރަށެވެ. ނަމަވެސް އެ ގާނޫނަށް އަލަށް ގެނައި އިސްލާހުގައިވާ ގޮތުން، 1.5 މިލިއަން ޑޮލަރު [19.28 މިލިއަން ރުފިޔާ] ދެއްކުމުން، 15 އަހަރު އިތުރުކޮށް، 35 އަހަރުގެ މުއްދަތު 50 އަހަރަށް ބަދަލު ކުރުމުގެ ފުރުސަތު ލިބެ އެވެ.