18 Nov 2012, 13:09
ވީއޭއެމް ޕްރެޒިޑެންޓްސް ކަޕްގައި އިއްޔެ ކުޅުނު މެޗް ކާމިޔާބުކޮށް ލީގުގެ އެއް ވަނަ މަގާމަށް ގެމަނަފުށީ ސްޕޯޓްސް ކުލަބް ޖެހިލައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު މެޗް ގެމަނަފުށީ ސްޕޯޓްސް ކްލަބުން ކާމިޔާބު ކުރީ ވިލިނގިލީ ޒުވާނުންގެ ޖަމިއްޔާ އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ.
އިއްޔެ މެޗުގެ ސެޓްތައް ގެމަނަފުށީ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 25-8، 25-15 އަދި 25-10 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ގެމަނަފުށީ ޓީމުގެ ނަސްފާ އިބްރާހިމްއެވެ.
އިއްޔެ މޮޅާއެކު ލީގުގެ އެއް ވަނަ މަގާމްގައި ގެމަނަފުށި ޓީމް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާއެކުއެވެ.
ލީގުގައި އިއްޔެ ކުޅުނު ދެ ވަނަ މެޗް ކާމިޔާބު ކުރީ އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކްލަބެވެ.
ޕޮލިހުން މެޗް ކާމިޔާބު ކުރީ އެމްއެސް ހެލްޕިން ހޭންޑް އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.
މެޗުގެ ސެޓްތައް ޕޮލިސް ޓީމުން ގެންގޮސްފައިވާ ގޮތައްބަލާއިރު، ފުރަތަމަ ސެޓް ކާމިޔާބު ކުރީ 25-14 އިންނެވެ. ދެ ވަނަ ސެޓް 25 -20 އިން ކާމިޔާބު ކުރިއިރު، ފަހު ސެޓް ޕޮލިހުން ކާމިޔާބު ކުރީ 25-7 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބުގެ މަރިޔަމް އަޒީފާ އެވެ.
އިއްޔެގެ މޮޅާއެކު ލީގު ތާވަލްގައި ޕޮލިސް ކުލަބް އޮތީ މހާތަނަށް ކުޅުނު ދެ މެޗު ވެސް މޮޅުވެ، ލީގުގެ ދެ ވަނަ މަގާމްގައި ހަ ޕޮއިންޓާއެކު އެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައިބައްދަލުކުރާނީ ލީގުގެ ތިން ވަނަ މަގާމްގައި ތިން ޕޮއިންޓާއެކު މިވަގުތު އޮތް ވިލިނގިއްޔާއި ޕޮލިސް ކުލަބެވެ. އަދި މިރޭ ކުޅޭ މެޗުގައި ގެމަނަފުއްޓާ ދެކޮޅަށް ނުކުންނާނީ ސްޕޯޓްސް ކްލަބް ވިޝަން އެވެ.
މި މުބާރާތުގައި ލީގުގެ އުސޫލުން އެއް ބުރު ކުޅުމަށް ފަހު، ސެމީ އަށް ހޮވޭނީ ގަދަ ހަތަރު ޓީމެވެ. ލީގުގެ ބުރުގެ އެއްވަނަ ހޯދާ ޓީމު ސެމީގައި ވާދަކުރާނީ ހަތަރު ވަނަ ޓީމާ އެވެ. ދެވަނަ ސެމީގައި ކުރިމަތިލާނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމެވެ.