18 Nov 2012, 12:29
ޤާހިރާ (ނޮވެމްބަރ 18): އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދާ ޢުދުވާނީ ޙަމަލާތައް ހުއްޓާލުމަށް އިސްރާއީލުން ދެކޮޅު ހަދަމުން ގެންދާތީ އިސްރާއީލާ ސުލްޙަވުމުގެ ހުރިހާ މަޝްރޫޢުތަކަށް ޢަމަލުކުރުން ހުއްޓާލައި ޢަރަބި ހުރިހާ ގައުމުތައް ގުޅިގެން އިސްރާއީލާ ކުރިމަތިލުމަށް އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްއަރަބީ ޢަރަބި ގައުމުތަކަށް ގޮވާލައްވައިފި އެވެ.
ޢަރަބި ލީގުގެ މައިމަރުކަޒުގައި ރޭ ބޭއްވި ޢަރަބި ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަލްޢަރަބީ ޢަރަބި ލީޑަރުންނަށް ގޮވާލެއްވީ އިސްރާއީލާ ސުލްޙަވެވިދާނެ ކަމަށް ބަލައި ޢަރަބި ސަމިޓްތަކުން ނިންމާފައިވާ ނިންމުންތައް އަލުން ބަލައި މުރާޖަޢާ ކުރުމަށާއި އިސްރާއީލާ ދެކޮޅަށް ޢަރަބިން ކުރިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާއި އިސްރާއީލު އެކަހެރިކޮށް ބޮއިކަޓް ކުރުމުގެ މަސައްކަތް އަލުން ފެށުމަށެވެ.
އިސްރާއީލުން ގެންދަނީ ޣައްޒާ އަށް ދެމުން ގެންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށް ޣައްޒާގެ ޢާންމުންގެ ގެދޮރަށް ވެސް ޙަމަލާތައް ދީ ޢާންމުން ވެސް ޝަހީދުކުރަމުންނެވެ. އަދި ޣައްޒާގެ ސަރުކާރުގެ ޢިމާރާތްތަކަށާއި ބޮޑުވަޒީރު އިސްމާޢީލް ހަނިއްޔާގެ އޮފީހަށް ވެސް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ވަނީ ޙަމަލާތައް ދީފަ އެވެ. އަދި ޙަމަލާތައް ހުއްޓާލުމަށް ގޮވާލެވޭ ގޮވާލުންތަކަށް އިސްރާއީލު ގެންދަނީ ދެކޮޅު ހަދަމުންނެވެ. އިސްރާއީލުގެ ޢުދުވާނުގައި މިހާތަނަށް ފަލަސްތީނުގެ 48 މީހަކު ޝަހީދުކޮށް 450 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްކޮށްލާފަ އެވެ.
އަނެއްކޮޅުން ޢަރަބި ޤައުމުތަކުގެ އިސްމަސްއޫލުވެރިންގެ ވަފްދެއް ޣައްޒާ އަށް ފޮނުވުމަށް ޢަރަބިލީގުން ނިންމައިފި އެވެ. ޢަރަބި ލީގުގެ މައިމަރުކަޒުގައި ރޭ ބޭއްވި ޢަރަބި ވަޒީރުންގެ ކުއްލި ބައްދަލުވުމުން ނިންމާފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ދެމުންގެންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުންނާއި ޢަރަބިންގެ ތާއީދާއި ހަމްދަރްދީ ޣައްޒާގެ ރައްޔިތުންނަށް އޮތްކަން ހާމަކުރުމުގެ ގޮތުން ޢަރަބި ވަޒީރުންގެ ވަފްދެއް ޣައްޒާއަށް ޒިޔާރަތް ކުރުމަށެވެ. މި ވަފްދުގައި ޢަރަބި ސަމިޓްގެ މިހާރުގެ ރިޔާސަތު ބަލަހައްޓާ ޤައުމުކަމަށްވާ ޢިރާޤުގެ ޚާރިޖީ ވަޒީރާއި ޢަރަބި ވަޒީރުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާ ލުބްނާނުގެ ޚާރިޖީ ވަޒީރާއި ފަލަސްތީނުގެ ޚާރިޖީ ވަޒީރުންގެ އިތުރުން ޢަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް ނަބީލުލްޢަރަބީ ހިމެނުމަށް ވެސް ޢަރަބި ވަޒީރުންގެ ކުއްލި ބައްދަލުވުމުން ނިންމާފައިވެ އެވެ.
މިސްރުގެ ރައީސް މުޙައްމަދު މުރްސީ ވެސް ވަނީ މިސްރުގެ ސަރުކާރާއި ރައްޔިތުންގެ ތާއީދާއި ހަމްދަރްދީ ޣައްޒާގެ ރައްޔިތުންނަށް އޮތްކަން ހާމަކުރުމުގެ ގޮތުން އެޤައުމުގެ ބޮޑުވަޒީރު ހިޝާމް ޤިންދީލް ޣައްޒާއަށް ފޮނުއްވާފަ އެވެ. އަދި ތޫނިސް އިން ވެސް ވަނީ އެޤައުމުގެ ސަރުކާރާއި ރައްޔިތުންގެ ތާއީދާއި ހަމްދަރްދީ ޣައްޒާގެ ރައްޔިތުންނަށް އޮތްކަން ހާމަކުރުމުގެ ގޮތުން އެޤައުމުގެ ޚާރިޖީވަޒީރު ރަފީޤް ޢަބްދުއްސަލާމް ޣައްޒާއަށް ފޮނުވާފަ އެވެ. (އަލްޖަޒީރާ)