18 Nov 2012, 12:16
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ކުއްޔަށް ހިފި އެއްބަސްވުމުގެ އޮނިގަނޑުގެ ތެރެއިން ދިވެހިސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް އެއާޕޯޓް ކުއްޔަށް ހިފާފައިވާ އިންޑިއާގެ ޖީއެމްއާރު ގްރޫޕުން ބުނެފި އެވެ.
އިންޑިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ނަން ހާމަ ނުކުރާ ޖީއެމްއާރުގެ އޮފިޝަލަކު ބުނި ކަމަށް އިންޑިއާގެ އެހެން ނޫހެއް ކަމަށްވާ ދަ ހިންދޫ އިން ބުނީ ދިވެހި ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށާއި އެގޮތުން ސަރުކާރުން ކޮށްފައިވާ ޑިމާންޑްތަކާ މެދު މަޝްވަރާ ކުރެވިދާނެ ކަމަށެވެ.
"އެއްބަސްވުމުގެ ފްރޭމްވޯކްގެ ތެރެއިން ވާހަކަ ދައްކަން އަހަރެމެން މިތިބީ ތައްޔާރަށް. އެއްބަސްވުން އުވާލަން އެމީހުން [ދިވެހިސަރުކާރުން] ބޭނުންވެއްޖެއްޔާ، އެއީ އަހަރެމެންގެ ނިމުން [ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެއް]. އަހަރެމެން މިހާރު ވެސް 200 މިލިޔަން ޑޮލަރު އިންވެސްޓްކޮށްފިން، ބޭންކްތަކުން ދަނީ އެއަށް [ލޯންތަކަށް] ބަލަމުން،. އެއްބަސްވުން އުވާލުމަކީ އަހަރެމެންނަށް ވެވޭނެ ކަމެއްނޫން،" ޖީއެމްއާރުގެ އިސް އޮފިޝަލަކު ބުނި ކަމަށް ޕީޓީއައި އިން ބުންޏެވެ.
މަޝްވަރާ ކުރެވޭނީ ކޮން ކޮން ކަންތައްތަކާތޯ ސުވާލު ކުރުމުން އޮފިޝަލް ބުނެފައި ވަނީ އިތުރު ރަންވޭއެއް ބިނާކުރުމާއި އެއާޕޯޓްގައި ވިޔަފާރި ކުރުމުގެ ފުރުސަތު ދިވެހިންނަށް ދިނުމަށް ސަރުކާރުން ކުރާ ޑިމާންޑާ މެދު ވާހަކަ ދެއްކިދާނެ ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރަށް ކުއްޔަށްދީފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށާއި އެ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ޖީއެމްއާރަށް އެއާޕޯޓް 25 އަހަރަށް ކުއްޔަށް ދިނީ ރައްޔިތުންގެ މަޖިލީހުން މައްސަލަ ޖައްސަމުން ދަނިކޮށް ކަމަށް، ޖީއެމްއާރާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނާ ކަމަށް ޕީޓީއައި އިން ބުންޏެވެ. އޭގެ އިތުރުން ޖީއެމްއާރާ އެކު ވެފައިވާ އެއްބަސްވުމަކީ ގޯސް އެއްބަސްވުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވެސް ވަނީ ވިދާޅުވެފަ އެވެ.
އެ މުޒާހަރާތަކުގެ ތެރޭގައި ރައީސް އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލު ރިޒާ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ހައިކޮމިޝަނަރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަފުޅު ދެއްކެވި މައްސަލަ ވަނީ ހޫނުވެފަ އެވެ.
އެއީ ޑިޕްލޮމެޓިކް ޕްރޮޓޮކޯލްއާ ހިލާފަށް ދެއްކެވި ވާހަކަ ފުޅެއް ކަމަށް ބުނެ އިންޑިއާ ހައިކޮމިޝަނުން ބަޔާނެއް ނެރެފައި ވަނިކޮށް އިންޑިއާ ސަރުކާރުން ފަހުން ނެރުނު ބަޔާނެއްގައި ޖީއެމްއާރާ ދެކޮޅަށް ކުރާ މުޒާހަރާތަކަކީ އިންޑިއާއާ ދެކޮޅު މުޒާހަރާތަކެއް ކަމަށް ވަނީ ސިފަކޮށްފަ އެވެ.
ޖީއެމްއާރުގެ މައްސަލައިގާ ރާއްޖޭގެ ބައެއް ސިޔާސީ ޕާޓީތަކުން ކުރަމުން ގެންދާ މުޒާހަރާތަކުގެ ސަބަބުން އިންޑި އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ 500 މިލިޔަން ޑޮލަރުގެ ޕްރޮޖެކްޓް ޖީއެމްއާރާ ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުންނެވެ.