18 Nov 2012, 11:33
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާ އަތުން 5- 0 އިން މޮޅުވެ ލީގް ތާވަލްގެ އެއްވަނަ މަގާމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ޖެހިލައިފި އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ސިޓީން ނެގީ ފުރަތަމަ ހާފުގެ 43 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއް ލަނޑުގެ ލީޑަކާއެކު ސީޓީ ކުރީގައި އެވެގެންނެވެ. އެހެން ނަމަވެސް ދެ ވަނަ ހާފުގައި ސިޓީގެ އާޖެންޓީނާ ދެ ފޯވަޑުން ކަމަށްވާ ސާޖިއޯ އަގުއޭރޯ އާއި ކާލޮސް ޓެވޭޒް، ކޮންމެ ކުޅުންތެރިއަކު ވަނީ މި މެޗުގައި ދެ ލަނޑު ޖަހައި, މެޗުން ސިޓީ މޮޅު ކޮށްދީފައެވެ.
ރޭގެ މޮޅާއެކު ލީގް ތާވަލްގެ އެއް ވަނަ މަގާމްގައި ސިޓީ 28 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނަ މާގާމްގައި އޮތީ ރޭ ނޯވިޗް ސިޓީ އަތުން 1-0 ލަނޑުން ބަލިވި މެންޗެސްޓާ ޔުނައިޓެޑެވެ. ރޭގެ މެޗުން ޔުނައިޓެޑް ބަލިވުމުން ލީގުގެ ދެ ވަނަ މަގާމްގައި އެޓީމް އޮތީ 27 ޕޮއިންޓާއެކު އެވެ. އަދި ލީގުގެ ތިން ވަނަ މަގާމް ގައި އޮތީ ރޭ ވެސްޓް ބްރޮމް އަތުން 2-1 ލަނޑުން ބަލިވި ޗެލްސީ އެވެ. ތިން ވަނާގައި ޗެލްސީ އޮތީ 24 ޕޮއިންޓާއެކު އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އިތުރު މެޗްތަކަށް ބަލާއިރު، ކުއީންސް ޕާކް ރޭންޖާސް (ކިއުޕީއާރު) އަތުން ސައުތުހެމްޓަން 3-1 މޮޅެއް ހޯދިއިރު، ޓޮޓެންހަމް ހޮޓްސްޕާ އަތުން 5-2 ލަނޑުން އާސެނަލް ވެސް ވަނީ މޮޅުވެފައެވެ. އަދި އަމިއްލަ ދަނޑުގައި ވިގަން އަތުން ލިވަޕޫލް މޮޅުވީ 3- 0 އިންނެވެ. ނިއުކާސަލް އަތުން 2- 1 އިން ސްވަންސީ ސިޓީ މޮޅުވިއިރު، އެވަޓަން އަތުން ރެޑިން މޮޅުވީ 2- 1 އިންނެވެ.