18 Nov 2012, 11:27
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްހަ ކަމާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފް ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވާން ހުށަހަޅަން ޖެހޭ ފޯމް މިއަދު ހެނދުނު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ކޯޓުން ޖަވާބެއް ލިބިފައި ނުވާކަމަށެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގެ ތެރެއަށް ތަދައްހުލްވާން ނަޝީދު ހުށަހެޅުއްވީ ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާމިދަނޑިވަޅަކީ ނަޝީދުގެ މައްސަލައެއް ހުޅުމާލޭ ކޯޓަށް ހުށަހެޅިފައިވާ ދަނޑިވަޅަކަށް ވާތީ އެއީ ތަދައްހުލް ވާން ޖެހޭ ސަބަބެއް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ.
"ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރައީސް ނަޝީދުގެ މައްސަލައެއް ހިނގަމުން ދަނިކޮށް ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަން އެ ފައްޓަވަނީ. އެހެންވީމާ ރައީސް ނަޝީދުގެ މަސްލަހަތު އޮތް މައްސަލައެއް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާތީ އެއީ ތަދައްހުލް ވާންޖެހޭ ސަބަބެއް ކަމަށް ރައީސް ނަޝީދަށް ގަބޫލުފުޅު ކުރެއްވެނީ،" ހަސަން ވިދާޅުވި އެވެ.
ހުޅުމާލޭ ކޯޓުގެ ގާނޫނީ ސައްހަ ކަމާ މެދު ސުވާލު އުފެދިފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 2:00ގައި ބާއްވަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސާފަ އެވެ.
އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުން ކަމަށްވާ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިނާއި ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އަހުމަދު މުއުތަސިމް އަދުނާނާއި އަލީ ހަމީދު މުހައްމަދާއި އަބްދުﷲ ސައީދާއި އަބްދުﷲ އަރީފްގެ އިތުރުން އާދަމް މުހައްމަދު އަބްދުﷲ އެވެ.
އާދަމް މުހައްމަދަކީ ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ފަނޑިޔާރެވެ. އަދި އޭނާ އަކީ ޖޭއެސްސީގެ މިހާރުގެ ރައީސެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އެ މައްސަލައިގައި ދައުވާ ކުރާ ފާރާތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. އަދި ދައުވާ ލިބޭ ފަރާތަކީ ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުއްވި ގާނޫނީ ވަކީލު އިސްމާއިލް ވިޝާމެވެ.