18 Nov 2012, 11:01
ގައުމީ 37 ވަނަ ފެތުމުގެ މުބާރާތުގައި ހަތަރު ކުލަބަކުން އަށް ޓީމް ބައިވެރިވެފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފި އެވެ.
އަންނަ އަންގާރަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވެފައިވާ ކުލަބް ތަކަކީ ކުލަބް ވެލެންސިއާ ، ލަގޫން ސްވިމިން ކުލަބް، މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން އަދި މޯލްޑިވްސް ސްވިމިންގ އެންޑް ލައިފްސޭވިން ސްކިލްސް ޓްރޭނިންގ ސްކޫލެވެ.
ސްވިމިން އެސޯސިއޭޝަނުން ބުނީ، މުބާރާތުގެ އޯޕަން ކެޓަގަރީގައި ޖުމުލަ 102 ފެތުންތެރިން ވާދަކުރާނެ ކަމަށާއި އެއީ ފިރިހެން 61 ފެތުންތެރިންނާއި 41 އަންހެން ފެތުންތެރިންނެވެ. އަދި މުބާރާތުގެ ޓީމު އިންޑިވިޖުއަލް އިވެންޓުތަކުގައި 57 ފެތުންތެރިން ވާދަކުރާއިރު އެއީ ފިރިހެން 28 ފެތުންތެރިންނާއި 29 އަންހެން ފެތުންތެރިން ވާދަކުރާ ކަމަށެވެ.
ފަސް ދުވަހަށް ބަހާލައިގެން މާލޭ އިރުދެކުނު ފަރާތު ޓްރެކް ސަރަޙައްދުގައި (ފަތާ ޓްރެކުގައި) އޮންނަ މިމުބާރާތުގެ އިވެންޓުތައް އެދުވަސްތަކުގެ ހެނދުނާއި ހަވީރުގެ ވަގުތުތަކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައި ވާއިރު، މުބާރާތުގައި 25، 50، 100، 200 އަދި 400 މީޓަރުގެ ދިގުމިނުގެ ރޭސްތައް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މުބާރާތުގައި އޮންނާނީ ފްރީސްޓައިލް، ބެކްސްޓްރޯކް، ބްރެސްޓް ސްޓްރޯކް، ބަޓަފްލައި އަދި މިޑްލީ އިވެންޓުތައް ކުރިއަށް ދާނެއެވެ. އަދި މީގެއިތުރުން 50 މީޓަރާއި 100 މީޓަރުގެ ފްރީސްޓައިލް އަދި މިޑްލީ ރިލޭ އިވެންޓްތައްވެސް އޮންނާނެ ކަމަށް ވެސް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.