ކައުންސިލުތައް ބާރުވެރިކުރުވުމަށް ޓަކައި ސަރުކާރުން އިތުރުބާރެއް ލައްވައިގެން އަންނަ އަހަރު އެލްޖީއޭއާ އެކީގައި މަސައްކަތްތަކެއް ކުރައްވަން ގަސްދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.

ރައީސް ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ރ. މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ކައުންސިލުތައް ހިންގުމަކީ ވަރަށް މާތް މަޤްޞަދެއްގައި ފެށުނު ކަމެއް ކަމަށާއި އެހެންނަމަވެސް ދިމާވި ތަފާތު ސަބަބުތަކާ ހުރެ އެކަން ކުރަންވާ ގޮތަށް ނުކުރެއްވޭ ކަމަށެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ މަޤްޞަދަކީ ރަށްތައް ބާރުވެރިކުރުވުމާއި އަމިއްލަ އަށް ކަންކަންކުރެވޭނެ ގޮތް ކައުންސިލުތަކަށް ފަހިކޮށްދިނުން ކަމަށެވެ. އެހެންނަމަވެސް ކައުންސިލުތަކުގެ އިންތިޚާބު ނިމިގެންދިޔައިރުގައި ވަރަށް ގިނަ އަދަދެއްގެ ރަށްރަށުގެ ކައުންސިލުތަކަކީ ސަރުކާރު އުފެދިފައި އޮތް މައި ޕާޓީގެ ކައުންސިލުތަކަކަށް ނުވުމުން އެކައުންސިލުތަކަށް ބާރުނުދީ ހިފެއްޓުނީ ކަމަށާއި މިއީ ހަގީގަގައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ކައުންސިލުތަކަށް ބާރުދިނުމުގެ ބަދަލުގައި ގައުމީ އިދާރާއެއް އުފައްދައި ޤައުމީ އިދާރާ މެދުވެރިކޮށް، ކަންކަން ކުރުމުގެ އުސޫލެއް ޤާއިމުކުރި ކަމަށާއި އޭގެ ސަބަބުން ލާ މަރުކަޒީ އުސޫލަށް މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ވެސް، ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ވަރަކަށް ލާމަރުކަޒީ ކަންކަމުގައި އެހީތެރިވެދެއްވޭ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ. އެއްއެހެންނަމަވެސް، ފުރަތަމަ ފިޔަވަޅެއްގެ ގޮތުން، ޤައުމީ އިދާރާތައް އުވާލައްވައި އަތޮޅު ކައުންސިލުތަކަށް އެބާރު ދެއްވީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. ހަމައެއާ އެކު، ކައުންސިލުތަކަށް ބިން ހަވާލުކުރުމަށް ފެއްޓެވި މަސައްކަތް ވެސް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.