ވޮޝިންޓަން (ނޮވެމްބަރ 18): ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ޢުދުވާނީ ޙަމަލާތަކަކީ އެމެރިކާގެ ރުހުން ލިބިގެން ކުރިޔަށް ގެންދާ ޙަމަލާތަކެއް ކަމަށް އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރު މިޝެލް އޮރިން ވިދާޅުވެއްޖެ އެވެ.

އޮރިންއާ ޙަވާލާދީ އެމެރިކާގެ "ނިޔުޔޯކް ޑެއިލީ ނިއުސް" ބުނީ ޣައްޒާ އަށް އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކަކީ "ޙަމާސް ޖަމާއަތުން އިސްރާއީލަށް ދެމުންގެންދާ ޓެރަރިސްޓް ޙަމަލާތަކުން އިސްރާއީލުގެ ރައްޔިތުން ދިފާޢުކުރުމުގެ ޙަމަލާތަކެއް ކަމަށް" އެމެރިކާ ޤަބޫލުކުރާ ކަމަށާއި އެހެންކަމުން މިޙަމަލާތަކާ މެދު އެމެރިކާގެ އެއްވެސް މައްސަލައެއް ނެތްކަމުގަ އެވެ. އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި ރައްޔިތުން އަޅުވެތިކޮށްގެންއުޅޭ އުޅޭތާ ފަސްދޮޅަސް އަހަރުވެފައިވުމާއި ފަލަސްތީނުގެ މައްސަލައާގުޅޭ އދ.ގެ ޤަރާރުތައް އިސްރާއީލުން ތަންފީޒު ނުކުރުމަކީ މައްސަލައެއް ކަމަށް އިސްރާއީލުގެ ސަފީރު ވިދާޅުވެފައެއް ނުވެ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ޙަމާސް ޖަމާއަތާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން ކުރަމުން ގެންދާ ޖިހާދު އިސްރާއީލާއި އެމެރިކާއިން ސިފަކުރަނީ ޓެރަރިޒަމްގެ ގޮތުގަ އެވެ.

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ޢުދުވާނީ ޙަމަލާތަކަކީ އެމެރިކާގެ ރުހުން ލިބިގެން ކުރިޔަށް ގެންދާ ޙަމަލާތަކެއް ކަމަށް އެމެރިކާގައި ހުންނަވާ އިސްރާއީލުގެ ސަފީރު ވިދާޅުވި އިރު އެމެރިކާގެ ރައީސް ބަރަކް އޮބާމާވަނީ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޙައްޤު އިސްރާއީލަށް ލިބިގެންވާކަމަށް ވިދާޅުވެ އިސްރާއީލުން ޣައްޒާއަށްދޭ ޙަމަލާތައް ދިފާޢުކުރައްވައި ވާހަކަ ދައްކަވާފަ އެވެ. ފަލަސްތީނުގެ ހަތިޔާރުއެޅި ފަރާތްތަކަށް އަމާޒުކޮށް ކަމަށްބުނެ އިސްރާއީލުން ޣައްޒާ އަށް ދެމުން ގެންދާ ޙަމަލާތަކުގައި މިހާތަނަށް 45 މީހަކު ޝަހީދުކޮށްލާފައިވާއިރު މީގެތެރޭގައި ގިނައީ ޢާންމުންނެވެ. ޝަހީދުކޮށްލެވުނު ޢާންމުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެ އެވެ. އިސްރާއީލުން ޣައްޒާގެ މަދަނީ ތަންތަނަށް ޙަމަލާދީ އާންމުން މަރަމުންގެންދާއިރު އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުސްތަޝާރުގެ ނައިބު ބެން ރޮޑްސް ވެސް ވަނީ ހުރިހާ ވެސް މައްސަލައަކީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދޭ ރޮކެޓް ޙަމަލާތައް ކަމަށް ސިފަކުރައްވާފަ އެވެ.

ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލަށް ދިން ރޮކެޓް ޙަމަލާތަކުގައި އިސްރާއީލުގެ އެންމެ ތިން މީހުން މަރުވެފައިވާ އިރު އިސްރާއީލުން ޣައްޒާއަށް ދިން ޙަމަލާތަކުގައި ފަލަސްތީނުގެ 45 މީހަކު ވަނީ ޝަހީދުވެފަ އެވެ. (އަލްޖަޒީރާ)