18 Nov 2012, 09:02
ބަނގުރާހިތްޕަވައިގެން ތިއްބެވި ކަމުގެ ތުހުމަތުގައި ރައްޔިތުން މަޖިލީހުގެ ދެ މެންބަރަކު މިދިޔަ ހުކުރު ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އެވެ. ފަޅު ރަށެއް ކަމަށްވާ ހދ. ހޮނޑައިދޫން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރު ހައްޔަރު ކުރުމުން އެ މައްސަލަ ވަރަށް ހޫނުވި އެވެ. "އިއްޒަތްތެރި" މެންބަރުންގެ އިމްތިޔާޒުތަކާ ބެހޭ ކޮމެޓީ، އިމްތިޔާޒު ކޮމެޓީ ކުއްލިގޮތަކަށް އެއްކުރި އެވެ. އެކަން އިއުލާން ކުރިތާ މާ ގިނައިރެއް ނުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ބަޔާން ނެރުއްވާ "މިވަގުތު މެންބަރުން ހައްޔަރު ނުކުރެވޭނެ" ކަމަށް ވިދާޅުވި އެވެ.
އެ ހުރިހާ ކަމެއް ވެސް ފެންމަތިކުރީ މަޖިލީހުގެ ގަވާއިދުގެ ބޮލުއަޅުވައިފަ އެވެ. މަޖިލީހުގެ ގަވާއިދުގެ 202 ވަނަ މާއްދާގެ ރ. އާ ހަވާލާދީފަ އެވެ. އެ މާއްދާގެ ރ. ގައި ބުނެފައިވެ އެވެ؛ "ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކުރުމުގެ މައްސަލައެއް ނުވަތަ ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ނުވަތަ ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެންބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުންގެ މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައިވާ ވަގުތެއްގައި އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިން މެންބަރަކު ހައްޔަރެއް ނުކުރެވޭނެ،" ކަމަށެވެ.
މަޖިލީހުގެ ރައީސްއަށް ގާނޫނީ ލަފާދެއްވާ ކައުންސިލް ޖެނެރަލް ފާތިމަތު ފިލްޒާ ވެސް ވިދާޅުވަނީ، މަޖިލީހުގެ ގަވާއިދަކީ ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން ބާރުލިބިފައިވާ ގަވާއިދެއް ކަމަށެވެ. ސުޕްރީމްކޯޓުން ދެ ފަހަރެއްގެ މަތިން އެ ގަވާއިދަށް ރިއާޔަތްކޮށް ހުކުމް ނެރުއްވާފައިވާ ކަމަށް ފިލްޒާ ވިދާޅުވި އެވެ.
"އެހެންވީމާ މި ގަވާއިދުގެ ވަކިވަކި މާއްދާ އަށް އެކި އުސޫލުގެ މަތިން އެކި މިންވަރަށް އަމަލުކުރެވޭނެ ކަމަށް ގަބޫލެއް ނުކުރަން. މި ގަވާއިދުގެ ހުރިހާ މާއްދާއަކީ އެއް ހަމައަކުން އަމަލުކުރެވެން ވާނެ މާއްދާތައް،" ފިލްޒާ ވިދާޅުވި އެވެ.
ގާނޫނު އަސާސީގެ ފުރިހަމަ ބާރުގައި މަޖިލީހުގެ ގަވާއިދަށް ބާރުލިބިފައިވާ އިރު އެ މެންބަރުން ދޫކޮށްލުމަށް ފުލުހުން ދެކޮޅު ހެދި އެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަ ކަމާ އެކު އަމަލުކުރަން ޖެހޭ ކަމަށެވެ. އަދި އެ މެންބަރުން އަތުލައިގަތީ ކުށުގެ ވެށިން ކަމަށްވާ އިރު ބަންދު ކުރެވުނު މީހުންގެ ތެރޭގައި މެންބަރުން ނޫން ފަރާތްތައް ހިމެނޭ އިރު ހަމައެކަނި މެންބަރުން ދޫކޮށްލުމަކީ ގާނޫނު އަސާސީގައި ބުނާ ހަމަހަމަ ކަމާއި އިންސާފުގެ ތަރަހައިން ބޭރުވުމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
"ކުށެއްގެ ވެށިން މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރެވުނަސް ފުލުހުން އަމަލު ކުރަމުން ގެންދާނެ ގޮތަކީ ލިބިފައި ހުރި ހެކިތަކުގެ މައްޗަށް ބަލާއިރުގައި އެއީ ކުރަމުން ދިޔަ ކަމެއްކަމަށް ތުހުމަތު ކުރެވެންޏާ ފުލުހުންނަށް ގާނޫނީ ގޮތުން ލިބިފައިވާ ބާރާއި އިޚުތިޔާރާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރާނީ،" ކޮމިޝަނަރު ވިދާޅުވި އެވެ. "މައްސަލައިގައި ހައްޔަރު ކުރެވުނު ބޭފުޅުންނާ ދޭތެރޭ ގޮތެއް ނިންމަވާނީ ފަނޑިޔާރުން. ގާޒީގެ ކުރިފުޅުމައްޗަށް ގެންދިޔާމަ ގާޒީ އެކަމާ މެދު ގޮތެއް ނިންމަވާނެ،" ރިޔާޒު ވިދާޅުވި އެވެ.
އާ ގާނޫނު އަސާސީއެއް ތައްޔާރުކޮށް މާ ފުރިހަމަ ގާނޫނު އަސާސީއެއް ކަމަށް ބުނެ "ފެހި ގާނޫނު އަސާސީ"އަށް ދިވެހިން އަމަލުކުރަން ފެށީ ހަމަހަމަ ކަމާއި އިންސާފު ގާއިމު ކުރުމުގެ މައިގަނޑު މަގުސަދުގަ އެވެ. އެއް ތަނަކުން އެއް ތުހުމަތެއްގައި ހައްޔަރު ކުރެވުނު 10 މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލުމަކީ ހަގީގަތުގައި ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އޭރުން ގާނޫނު އަސާސީގެ 46 ވަނަ މާއްދާއާ ކަނޑައެޅިގެން ފުލުހުންނަށް ހިލާފުވެވެނީ އެވެ. އެއީ އެ މައްސަލައިގައި ހަގީގަތުގައި ބޮޑު ސުވާލެއް އުފެދޭ ހިސާބެކެވެ.
މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދުމަކީ މެންބަރަކަށް ކުށްކުރުމަށް ލިބޭ ލައިސަންސަކަށްވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. މަޖިލީހުގެ ގަވާއިދުގެ ތެރެއިން އެކަމަށް ޖާގަ ވަނީ ހުޅުވިފަ އެވެ. މަޖިލީހުގެ މެންބަރުން ކުރައްވާ ގާނޫނާ ހިލާފު ކޮންމެ ކުށަކުން ރެކެވޭނެ ރަނގަޅު "ޓޫލަކަށް" މަޖިލީހުގެ ގަވާއިދުވާ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ގާނޫނު އަސާސީގައިވާ ހަމަހަމަކަން ހިދުކޮޅަކަށް ވެސް ނިގުޅައިގަނެވޭ ނަމަ އެއީ ވެސް މައްސަލައެކެވެ. އެއްވެސް މީހަކަށް ގާނޫނުގެ މަތީގައި ނުހުރެވޭނެ އެވެ. ގާނޫނުގެ އިންފަހަނަ އަޅައި މެންބަރަކަށް ވެސް މަޖިލީހުގެ ރައީސްއަ ށް ވެސް އުއްތަމަ ފަޑިޔާރަށް ވެސް އަދި ރައީސުލްޖުމްހޫރިއްޔާ އަކަށް ވެސް ނުދެވޭނެ އެވެ؛ ރޫލް އޮފް ލޯ ނޫނީ ގާނޫނީ ވެރިކަމަކީ އެއީ އެވެ.
"ކުށުގެ ވެށިން ބަޔަކު ހައްޔަރުކޮށް 24 ގަޑިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި އެ ބަޔަކު ބޭތިއްބުމުގެ ބާރު ފުލުހުންގެ ގާނޫނުން ލިބޭ. ފުލުހުން ގާނޫނާ ހިލާފުވި ކަމަށް ވާނީ އެ މުއްދަތު ފަހަނަޅައިދާ އިރު ވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް، ކުށުގެ ތުހުމަތުކުރެވޭ މީހާ ހާޒިރު ނުކޮށްފި ނަމަ،" ސަރުކާރުގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދަކީ މަޖިލީހުގެ މެންބަރުންގެ ކޮންމެ އަމަލެއް ގާނޫނުގެ ގޮޅިއަކަށް ފައްތަން ގަޔަށް ފަހާފައިވާ ހެޔޮވަރު ލިބާހަކަށްވާ ނަމަ އެއީ މައްސަލަ އެކެވެ. މަޖިލީހުގެ ގަވާއިދަށް އަމަލުކުރުމުގައި ވެސް ޕްރެކްޓިކަލް އުސޫލުތަކަކާއި ގާނޫނު އަސާސީ އިން ކަށަވަރު ކުރާ ހުރިހާ ހައްގުތަކަށް ތަބާވުމުގެ ރޫހު ގެންގުޅެންޖެހެ އެވެ. އެ ގަވާއިދަކީ މެންބަރުންގެ އިމްތިޔާޒުގެ ބަހަނާގައި ހައްދު ފަހަނަ އަޅާފައިވާ ފިކުރުތަކެއް އުފައްދާ އެއްޗަކަށް ވެގެން ނުވާނެ އެވެ. މެންބަރުންގެ އިމްތިޔާޒުތަކާއި މެންބަރުންނަށް ލިބިގެންވާ ރައްކާތެރިކަން ކަށަވަރު ކުރަން ޖެހެނީ މުޅި ގާނޫނު އަސާސީގެ ހައްގުތައް ވެސް ނެގެހެއްޓޭނެ ގޮތަކަށެވެ.