19 Sep 2010, 11:35
ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ދެކޮޅުހަދައި މުޒާހަރާ ކުރަމުން ދަނިކޮށް، ފުވައްމުލަކު ދަޑިމަގުން އެމްވީކޭ އަށް ބިން ވަކިކޮށްދިނުމުގެ މަސައްކަތް ރަށު އޮފީހުން މިއަދު ފަށައިފި އެވެ.
ދަޑިމަގު ގެއްމިސްކިތް ސަރަހައްދުން އެމްވީކޭ އަށް ބިން ދިނުމާ ދެކޮޅަށް އެ ސަރަހައްދަށް އެއްވެ މުޒާހަރާކުރަމުންދާ މީހުންގެ ތެރޭގައި ހިމެނޭ މީހަކު ސަންއެފްއެމަށް މައުލޫމާތު ދެމުން ދެންމެ ބުނީ ރަށު އޮފީހުން އެބިން ވަކި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، ފުލުހުން ބޭނުންކޮށްގެން އެމީހުން ވަށާލާފައި ބައިތިއްބައިގެންކަމަށެވެ. އަދި ފުލުހުން ތިބީ މުޒާހަރާ ރޫޅާލަން ބޭނުންކުރާ މުގުރު ހިފައިގެން ކަމަށާއި އެ ސަރައްދު ދޫކޮށް ދިއުމަށް ފުލުހުން އަންގަމުންދާ ކަމަށް ވެސް އޭނާބުންޏެވެ. އަދި ރަށު އޮފީހުން އެ މަސައްކަތް ކުރަމުންގެން ދަނީ ގަދަބާރުން ރައްޔިތުންނާ ދެކޮޅަށް ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ، ރަށު އޮފީހުން މިއަދު އެ މަސައްކަތް ފަށާނެ ކަމަށް ކުރިން ބުނެފައި ވާތީ، ހެނދުނުއްސުރެ އެ ސަރަހައްދަށް މީހުން އެއްވަމުން ދިޔަ ކަމަށެވެ. ނަމަވެސް މައްސަލަ އިތުރަށް ހޫނުވީ، އެއްވެތިބި މީހުން ފޮނުވާލުމަށް އެސަރަހައްދަށް ފުލުހުން އެއްވެ މަސައްކަތް ފެށުމުން ކަމަށް އޭނާ ބުންނެވެ. އަދި އެބިން އެމްވީކޭ އަށް ނުދެވޭނެ ކަމަށާއި ބިން އެ ފަރާތަށް ދޭން ޖެހޭ ސަބަބާއި ބިން އެމްވީކޭ އަށް ދިނުމުން ރައްޔިތުންނަށް ލިބޭނެ ފައިދާތައް އޮޅުން ފިލުވައިދިނުމަށް، އެއްވެ ތިބި މީހުން ގޮވަމުންދާ ކަމަށް ވެސް އޭނާބުންޏެވެ.
ފުވައްމުލަކު ކައުންސިލަރު އިބްރާހިމް ފިކުރީ، ވިދާޅުވީ، އެ ބިމަކީ އެ ސަރަހައްދުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމު އެމްވީކޭ އަށް ހަވާލުކުރުމާ ގުޅިގެން އެކަމަށް ހުސްބިމެއް ދޭން ޖެހޭ ގޮތަށް އޮންނަ އުސޫލުގެ ދަށުން ސަރުކާރުން ދޭން ނިންމާފައިވާ ބިމެއްކަމަށެވެ. އަދި 30000 އަކަފޫޓުގެ އެ ބިން އެމްވީކޭ އަށް ދޭން ނިންމުމާ ގުޅިގެން ބަޔަކު ނުރުހުން ފާޅުކުރި ކަމަށާއި ނަމަވެސް މުޒާހަރާ ކުރި މީހުން ބޭނުން ވަނީ ކޮން ކަމެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ ބަޔަކު ދެކޮޅުހަދައި މުޒާހަރާ ކުރުމުގެ ސަބަބުން، އެމްވީކޭ އަށް ބިން ދިނުމަށް ރަށު އޮފީހުން، ވޭތުވެ ދިޔަ ދެ ދުވަހު ކުރި މަސައްކަތުން ވެސް ބިން ވަކި ކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ނުގެންދެވިފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު، އެ ކަމާ ދެކޮޅަށް މުޒާހަރާ ކުރި މީހުންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުންނަށް އަނިޔާވުމުގެ އިތުރުން އެކަކު ފުލުހުން ހައްޔަރު ކުރި އެވެ.