ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ވަކިކުރެއްވި، ޖުމްހޫރީ ޕާޓީގެ މެންބަރު، ޑރ. އަހުމަދު ސަމްހީދުގެ ބަދަލުގައި އެ މަގާމު، ވީޓީވީގެ ޗެެއާމަން އަދި ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަމީން އިބްރާހިމަށް ހަމަޖައްސައި ދެއްވުމަށް އެދި ސަރުކާރުގައި ދެންނެވުމަށް ޖުމްހޫރީ ޕާޓީން މިރޭ ނިންމައިފި އެވެ.

މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އަމީނަށް އެ މަގާމު ދިނުމަށް ސަރުކާރުގައި ދެންނެވުމަށް ނިންމީ 22 މެންބަރުން ވަޑައިގަތް ޖަލްސާގައި 15 މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް އެ ޕާޓީގެ ސްޕޯކްސްޕާސަން މޫސާ ރަމީޒު ވިދާޅުވި އެވެ.

މޫސާ ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުމަށް، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޝާހުގެ ނަންފުޅު ވެސް މެންބަރަކު ހުށަހެޅުއްވި ކަމަށާއި ނަމަވެސް އެ މަގާމަށް ހަމަޖެއްސުމަށް އަމީންގެ ނަން ފާސްވުމުން ވޯޓަށް އައްސަވާފައި ނުވާ ކަމަށެވެ.

މޫސާ ވިދާޅުވީ ޝާހުގެ ނަން ހުށަހެޅުއްވީ، ކައުންސިލް މެންބަރު އަލްހާން ފަހުމީ ކަމަށާއި އެ ނަންފުޅަށް ތާއީދު ކުރެއްވީ އެ ޕާޓީގެ ރައީސް ޑރ. އިބްރާހީމް ދީދީ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުގައި ކޯލިޝަން ޕާޓްނަރު، ޖުމްހޫރީ ޕާޓީ އަށް ކަނޑައަޅާފައިވާ ގޮނޑި އަށް އަމީންގެ ނަން ހުށަހެޅުމަށް އެ ޕާޓީން މިރޭ ނިންމީ، ކުރިން އެ މަގާމު ފުރުއްވި ޑރ. އަހުމަދު ސަމްހީދަށް އެ މަގާމު ދިނުމަށް ދެ ވަނަ ފަހަރަށް ވެސް ސަރުކާރުގައި ދަންނަވައިގެން ސަރުކާރުން އެގޮތް ގަބޫލު ނުކުރުމުންނެވެ.

އަމީނަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދިނުމަށް އެ ޕާޓީން ނިންމާފައިވާ އިރު، އެ މަގާމު އެ ޕާޓީގެ ރައީސް އިބްރާހީމް ދީދީ އަށް ދެއްވުމަށް ކައުންސިލުން ފާސްކޮށްފި ނަމަ އެކަން ގަބޫލު ކުރައްވާނެ ކަމަށް ޑީޑީ ވަނީ މީޑިއާ އިންޓަވިއުތަކުގައި ވިދާޅުވެފަ އެވެ.

މުއުތަބަރު ފަރާތްތަކުން ބުނި ގޮތުގައި އަމީނަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ދެއްވުމަށް ސަރުކާރުގައި ދެންނެވުމަށް އެ ޕާޓީގެ ކައުންސިލުން ނިންމީ، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވަރަށް ބޮޑު އެއްބާރުލެއްވުމާ ގުޅިގެންނެވެ. ނަމަވެސް އެ ޕާޓީގެ ސްޕޯސްޕާސަން އެކަން ދޮގުކުރައްވަ އެވެ.