17 Nov 2012, 22:29
ރ. އަތޮޅުގައި އަންނަ އަހަރު އެއް ރިސޯޓް ހުޅުވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖެއްސުމުގެ ގޮތުން މަދުވެގެން އެއް ރިސޯޓް ހުޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު އަމިއްލަ ގޮތުން ގަބޫލުކުރާ ގޮތުންވެސް މިއަތޮޅަށް މާބޮޑު ކަންތައްތަކެއް ކުރެވިފައެއް ނެތް، އެބަޖެހޭ މިކަމާ އަޅުގަނޑުމެން އަލުން ވިސްނުމަކަށް ދާން، އެހެންވީމާ ހާއްސަކޮށް މިއަތޮޅުގައި އާމްދަނީ ލިބޭނެ ވަޒީފާ ލިބޭނެ ގޮތްތަކެއް އުފެއްދުމަށްޓަކައި އެބަ ޖެހޭ ފަތުރުވެރިކަން ފުޅާ ކުރަން، އެހެންވީމާ ﷲ އިރާދަކުރެއްވިއްޔާ މި އަންނަ އަހަރުގެ ތެރޭގައި މަދުވެގެން އެއް ރިސޯޓް މި އަތޮޅުގައި ގާއިމް ކުރަން އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރ. އަތޮޅުގައި އެއާޕޯޓެއްގެ މަސައްކަތް މިހާރު ހިނގަމުންދާކަން ފާހަގަ ކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ އެ އެއާޕޯޓް އަންނަ އަހަރުގެ މެދުތެރޭގައި ހުޅުވިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މީދޫގައި މިރޭ ދެއްކެވި ވާހަކަފުޅުގައި ލޯކަލް ކައުންސިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އެގޮތުން ކައުންސިލްތައް ބާރުވެރި ކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ވިދާޅުވީ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން ބައެއް ކައުންސިލްތައް އުޅޭ ކަމަށެވެ.
" .. ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި އިތުރު ކަންތައްތައް ކުރަން އަޅުގަނޑު ގަސްދު ކުރަން، އާދެ ދެން ލޯކަލް ކައުންސިލްތަކަށް މިހާރުވެސް ކުރިމަތިވެގެން އުޅޭ އަނެއް ކަމަކީ ހަމަ ސިޔާސީ މައްސަލައެއް، ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަދިވެސް އެބައުޅޭ މިރާއްޖޭގައި، ބައެއް ކައުންސިލްތައް އެބައުޅޭ ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އުޅޭ ބައެއް، އެކައުންސިލްތަކަށް ހީވާ ކަހަލަ ތިމަންނަމެންނަށް މިއުޅެވެނީ ދިވެހިރާއްޖޭގައެއްވެސް ނޫނޭ،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެ މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ގަބޫލުނުކޮށް، ދިވެހިރާއްޖޭގެ ސަރުކާރު ގަބޫލުނުކޮށް އަމިއްލަ ކައުންސިލެއް ހަދައިގެން އުޅޭ ބަޔަކު ވެސް އެބަ އުޅޭ ކަމަށެވެ. ރައީސް އަދި ވިދާޅުވީ ކޮންމެ ޕާޓީއެއްގެ ބައެއް ކަމަށް ވިޔަސް ކައުންސިލުތަކުގެ ބޭފުޅުން ސަރުކާރާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
" .. އެހެންވީމާ މިކަންކަން ރަނގަޅަށް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލުތަކުގެ ބޭފުޅުން ވެސް ، ކޮންމެ ޕާޓީއެއްގެ ބައެއް ކަމުގައި ވީ ނަމަވެސް ، އެބަޖެހޭ ސަރުކާރާ އެކީ މަސައްކަތް ކުރަން، އެވަގުތު އޮތް ސަރުކާރަކާ އެކީގާ،" ރައީސް ވަހީދު ވިދާޅުވިއެވެ.