ޤާހިރާ (ނޮވެމްބަރ 17) : މިސްރުގައި ބަހަކާއި ރޭލެއް ޖެހި މުޑިއެރުމުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު 50 އަށް އަރައިފިއެވެ. މިޙާދިސާގައި ރޭލާޖެހި މުޑިއަރާފައިވަނީ ކިޔަވާކުދިން ދަތުކުރި ސްކޫލް ބަހެކެވެ. އެހެންކަމުން މަރުވި 50 މީހުންގެ ތެރެއިން 48 މީހުންނަކީ ކިޔަވާކުދިންނެވެ. މީގެތެރޭގައިވެސް ގިނައީ އުމުރުން 4 އަހަރާއި 6 އަހަރުގެ ކުދިންކަމަށް މިސްރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ.

މިޙާދިސާ ހިނގާފައިވަނީ މިސްރުގެ މަންފްލޫތް ކިޔާ ރަށެއްގައެވެ. މިއީ އަސްޔޫތް ގަވަރނޭޓްގެ ރަށެކެވެ. މިޙާދިސާ ހިނގާފައިވަނީ އިހްމާލުގެ ސަބަބުން ކަމަށް ބެލެވިފައިވުމާއެކު އިހްމާލުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ މިސްރުގެ ރޭލްވޭއާބެހޭ އިދާރާގެ ވެރިޔާ މުސްތަފާ ޤަނާވީއާއި އެއިދާރާގެ ބައެއް މަސްއޫލުވެރިން ކަމަށްވާތީ އެބޭފުޅުންގެ އިހްމާލުގެ މައްސަލަ ތަޙްޤީޤް ކުރުމަށް މިސްރުގެ ސަރުކާރުންވަނީ ނިންމާފައެވެ. މިމައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރ ގެ ޙައިސިއްޔަތުން ޒިންމާ އުފުއްލަވަންޖެހޭނެ ކަމަށް އަމިއްލައަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ މިސްރުގެ ޓްރާންޕޯޓް މިނިސްޓަރ މުޙައްމަދު ރަޝާދުވެސް ވަނީ މަޤާމުން އިސްތިއުފާ ދެއްވާފަ އެވެ.

މިއީ މިފަދަ ޙާދިސާއަކާގުޅިގެން މިސްރުގެ ވަޒީރަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ. މިސްރުގެ މިހާރުގެ ސަރުކާރަކީ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަމާ ޚިލާފަށް ދިމުޤްރާތީ ގޮތުން އެކުލަވާލެވިފައިވާ ސަރުކާރަކަށްވާތީ ދިމުޤްރާތީ ރިވެތި އުސޫލަކީ މިފަދަ ޙާލަތްތަކުގެ ޒިންމާ އަމިއްލައަށް އުފުއްލަވައި މަޤާމުން އިސްތިއުފާ ދެއްވުން ކަމަށް މަޤާމުން އިސްތިއުފާ ދެއްވި ޓްރާންސްޕޯޓް މިނިސްޓަރ ވިދާޅުވި އެވެ. (އަލްޖަޒީރާ)