ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހއ. ދިއްދޫ އޯޓަމްވާދީ އަލީ ހާޝިމް (ސްމިތް) އާއި ކުޑަހެންވޭރު ގްރޫޕަށް ނިސްބަތްވާ ހަސަން ހުމާމްގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

އެ ދެ މީހުންގެ ލޯޔަރު ސަން އޮންލައިނަށް ވިދާޅުވީ ކުރިން ކޯޓުން އެ މީހުންނަށް ޖަހައިދިން މުއްދަތު ހަމަވަމުން މިއަދު އިރުއޮއްސުނު ވަގުތު ސްމިތާއި ހުމާމްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން އެ ކޯޓުން އެ ދެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އަފްރާޝީމްގެ މަރާއި ގުޅިގެން ތަހުގީގަށް އިތުރު ބަޔާންތަކެއް ލިބިފައިވާކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވާ ކަމަށް ގާނޫނީ ވަކީލު ވިދާޅުވި އެވެ.

މިއީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްދިން ހަތަރު ވަނަ ފަހަރެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ތުހުމަތުގައި އެ ދެ މީހުންގެ އިތުރުން ތިން މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެމީހުންގެ ވަނަވަރެއް އަދި އެނގިފައެއް ނުވެ އެވެ.

އަފްރާޝީމްގެ އުފަން ރަށްކަމަށްވާ ރ. އުނގޫފާރަށް ބުރާސްފަތި ދުވަހުގެ ރޭ ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ އަފްރާޝިމްގެ މަރުގެ ތަހުގީގު ވަރަށް ރަނގަޅަށް ކުރިއަށް ދާ ކަމަށާއި އެ ހާދިސާގެ ތަފްސީލްތައް ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުލުހުން ހާމަކުރާނެ ކަމަށެވެ.

ފުލުހުން އެންމެ ފަހުން ބޭއްވި ޕްރެސް ކޮންފަރެންސުގައި ވެސް ބުނެފައި ވަނީ ޑރ. އަފްރާސީމް އަލީ އަވަހާރަކޮށްލާފައި ވަނީ ދުރާލައި ރާވައިގެން ކަމަށާއި އެއީ ވަރަށް ތަފާތު ބޮޑު ގޮތަކަށް ހިންގާފައިވާ އަމަލެއް ކަމަށެވެ.

އަފްރާޝިމް އަވަހާރަކޮށްލި މައްސަލަ ތަހުގީގު ކުރުމަށް 80 ވަރަކަށް ފުލުހުން މަސައްކަތް ކުރާ އިރު، އެ މައްސަލާއާ ގުޅިގެން އެއްކޮށްފައިވާ ފޮރެންސިކް ހެކިތައް ބެލުމުގައި އެފްބީއައި އާއި ސިންގަޕޫރު ފުލުހުންނާއި އެމެރިކާ ފުލުހުންގެ އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރު ޑރ. އަފްރާޝިމް އަވަހާރަކޮށްލާފައި އޮއްވައި ފެނިފައި ވަނީ އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގޭގެ ދޮރުމަތިންނެވެ.

އަފްރާޝީމް އަވަހާރަކޮށްލި މައްސަލަ ޝަރީއަތަށް ސާބިތުކޮށް ދެވޭ ވަރުގެ ހެކި ހުށަހަޅާ މީހަކަށް 500،000ރ. ދޭނެ ކަން ފުލުހުން ވަނީ އިއުލާންކޮށްފަ އެވެ. އަދި އެ މީހެއްގެ މައުލޫމާތު ސިއްރުކޮށްދޭނެ ކަމަށް ފުލުހުން ބުނެ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން ފުލުހުން އެެންމެ ފަހުން ޕްރެސްކޮންފަރެއްސެއް ބާއްވާފައި ވަނީ މީގެ ތިން ހަފުތާ ކުރިންނެވެ.