ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް ބުނެ ނެރުނު ބަޔާނާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ދެއްކެވި ވާހަކަތަކަށް މަޖިލީހުގެ އިދާރާ އިން މިއަދު ވަރުގަދަ ރައްދެއް ދީފި އެވެ.

މަޖިލީހުގެ އިދާރާ އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހައްޔަރު ކުރުމުން އެކަން ކުށްވެރިކޮށް މަޖިލީހުން ބަޔާނެއް ނެރެފައި ނުވާނެ ކަމަށެވެ. ދެ މެންބަރުން ހައްޔަރު ކުރުމުން މަޖިލީހުން ނެރެފައިވާ ބަޔާނަކީ މެންބަރުން ހައްޔަރުކުރުމާ ގުޅޭގޮތުން މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންގެ އިދާރަށް ސިޓީއެއް ފޮނުވިކަން އެންގުމަށް ނެރެފައިވާ ބަޔާނެއް ކަމަށް ވެސް މަޖިލީހުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވެ އެެވެ.

"އެމައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އިދާރާ އިން ނެރެފައި ވާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލާއި، އެ އުސޫލާ ގުޅުންހުރި، ރައްޔިތުންގެ މަޖިލީހަށް މިވަގުތު ހުށަހެޅިފައިވާ މައްސަލަތައް ބަޔާންކޮށް، އެ ގަވާއިދާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މޯލްޑިވްސް ޕޮލިސް ސަވިސް އަށް ފޮނުއްވި ސިޓީފުޅުގެ ޚަބަރެކެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ މަޖިލީހުގެ ގަވާއިދުގެ 203 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާއީ ކުށުގެ ތުހުމަތެއްގައި މެންބަރަކު ހައްޔަރު ކުރިކަމުގެ މަޢުލޫމާތު ލިބިއްޖެ ނަމަ، ލަސްވެގެން 24 ގަޑިއިރުގެ ތެރޭގައި މަޖިލީހުގެ ރައީސް އެކަން އިމްތިޔާޒު ކޮމިޓީ އަށް އަންގަންޖެހޭ އިރު ވަކި ހާލަތްތަކުގައި މެންބަރުން ހައްޔަރު ނުކުރެވޭނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަކީ ޤާނޫނު އަސާސީގެ 88 ވަނަ މާއްދާ އިން ބާރު ލިބިގެން މަޖިލީހުގެ މެންބަރުން ފާސްކުރައްވާފައިވާ ގަވާއިދެއް ކަމަށާއި އެ ގަވާއިދުގައި ހިމެނޭ މާއްދާއަކާ މެދު ސަރުކާރުން ހިތްހަމަނު ޖެހޭ ކޮންމެ ފަހަރަކު މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ރައްދުކޮށް އައްބާސް އެކި ބާވަތުގެ ވާހަކަތައް ވިދާޅުވުމުގެ ބަދަލުގައި ކަމާ ބެހޭ ކޯޓަކަށް އެ މައްސަލަ ހުށަހެޅުން ބުއްދިވެރި ކަމަށް ވެސް މަޖިލީހުގެ ބަޔާނުގައިވެ އެވެ.

"އެ ގަވާއިދުގައި ހިމެނޭ މާއްދާއަކާމެދު ނުވަތަ މާއްދާތަކަކާ މެދު ސަރުކާރުން ހިތްހަމަޖެހިވަޑައިނުގަންނަވާ ކޮންމެ ފަހަރަކު ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ރައްދުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން އެކި ބާވަތުގެ ވާހަކަތައް ވިދާޅުވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 143 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ ދަށުން ކަމާ ބެހޭ އިޚްތިޞާޞް ލިބިދީފައިވާ ކޯޓަކަށް އެމައްސަލައެއް ހުށަހެޅުމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ލިބިފީދައިވާ ޙައްޤުގެ ބޭނުން ހިއްޕެވުން ބުއްދުވެރި އެވެ،" މަޖިލީހުގެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ މެންބަރުން ހައްޔަރު ކުރުމާ ގުޅިގެން ޝާހިދު ނެރުއްވި ބަޔާނާއި ގުޅިގެން އައްބާސް ވިދާޅުވެފައި ވަނީ ޝާހިދުގެ ބަޔާނުގައި މެންބަރުން ހައްޔަރު ކުރުން ކުށްވެރިކުރައްވާފައިވާ ކަމަށާއި އެއީ ޒިންމާދާރު ކަން ކުޑަކޮށް ނެރެފައިވާ ބަޔާނެއް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުން ވިޔަސް ޖިނާއީ މައްސަލައެއްގެ ތުހުމަތު ކުރެވޭ ނަމަ އާންމު ރައްޔިތުންނެކޭ އެއްފަދައިން ތަފާތުކުރުމެއް ނެތި އެބޭފުޅުންގެ ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.