ރާއްޖޭގެ ސިޔާސީ ޕާޓީތަކާ ބެހޭ ބިލަށް ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ހުށަހާލާފައިވާ އިސްލާހްތަކަށް ޕީޕަލްސް ޕާޓީ (ޕީޕީ) އިން ފާޑުކިޔައިފި އެވެ.

ޕީޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައްޔިތުން މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމެޓީން ސިޔާސީ ޕާޓީތަކުގެ ބިލަށް ހުށަހަލާފައިވާ އިސްލާހްތަކަކީ "ސިޔާސީ މައިދާނުން އާދައިގެ އާންމު ރައްޔިތުންގެ އަޑު މުޅިން ކަނޑުވާލުމަށް ރަވާގެން ހުށަހަޅާފައިވާ" އިސްލާހްތަކެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

މުޅި ޖުމްލަ 1705 މެންބަރުން ތިބި ޕީޕީ އިން ނެރުނު އެ ބަޔާނުގައި 3000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލުމަށް އިސްލާހު ހުށަހަޅާފައިވާ ބޭނުމަކީ މިހާރު ރާއްޖެގައި އޮތް ބޮޑެތި ޕާޓީތަކާ ދެކޮޅަށް ކުދި ޕާޓީތަކުން ނިކުމެދާނެތީ ހުށަހަޅާފައިވާ އިސްލާހްތަކެއް ކަމަށް ބުނެފައިވެ އެވެ.

"ތިން ހާސް މެންބަރުން ހަމަނުވާ ޕާޓީތައް އުވާލާ ގޮތަށް މި ބިލް ހުށަހަޅާފައި އޮތުމުގެ އެއް ބޭނުމަކީ މިހާރު ރާއްޖެގައި ހިންގާ ބޮޑެތި ޕާޓީތަކުން ސަރުކާރުން ހިންގުން ހުއްޓުވާ، ދައުލަތް ފޭލް ކޮށްފައިވާތީ ބޮޑެތި ޕާޓީތަކާއި ދެކޮޅަށް ކުދި ޕާޓީތަކުގެ ގުޅިފައިވާ އިއްތިހާދަކުން ތިން ވަނަ ވިސްނުމެއްގެ ފިކުރު ރައްޔިތުންނާއި ހަމައަށް ގެނެސްދީފާނެ ކަމަށްޓަކައި އެކަން ހުއްޓުވައި، ކުދި ޕާޓީތައް ބޮޑެތި ޕާޓީތަކުގެ ނުފޫޒާއި ބާރުގެ ދަށަށް ގެނެއުމަށް ކަމުގައި ވެސް މި ޕާޓީ އިން ދެކެމެވެ." އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ބިލަށް ގެނައުމަށް ކޮމެޓީން ނިންމާފައިވާ އިސްލާހްތަކަށް މަޖިލީހުން ވޯޓު ނުދިނުމަށް އެ ބަޔާނުގައި ގޮވާލާފައިވާ އިރު ޕާޓީއެއް އުފެއްދޭނެ އަދަދު މިހާރަށް ވުރެ މަދު ކުރުމަށް އެބިލަށް އިސްލާހް ގެނަން ވެސް އެ ބަޔާނުގައިވެ އެވެ.

"މިހާރަށް ވުރެ ވެސް މަދު މެންބަރުންގެ އަދަދުތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީ އުފެއްދުމާއި ހިންގުން އަދި ދައުލަތުގެ ފައިސާ އާއި ވަަސީލަތްތައް ދެކޭގޮތަށް އޮތުން ލާޒިމްކުރާ ގޮތަށް މިބިލް އިސްލާހް ކުރުމަށް ވެސް މި ޕާޓީން ގޮވާލާ އިލްތިމާސްކުރަމެވެ."

މިނިވަން މުޢައްސަސާތަކުގެ ކޮމެޓީ އަށް ހުށަހަޅާފައިވާ އިސްލާހްގައި 5000 މީހުންނަށް ވުރެ މަދުން މެންބަރު ތިބި ޕާޓީތަކަށް މީހުން ހަމަ ކުރުމަށް ހަ މަސް ދުވަހުގެ މުއްދަތު ދެވޭނެ ކަމަށާއި އަދި އެ މުއްދަތުގައި އެ އަދަދު ހަމަނުކުރެވޭ ޕާޓިތައް އުވާލެވިގެންދާނެ ކަމަށް ވެ އެވެ.

ސިޔާސީ ޕާޓީތަކަށްދޭ މާލީ އެހީ 10،000 މީހުން ހަމަވާ ޕާޓީތަކަށް ދިނުމަށް ބިލްގައި ކަނޑައެޅި މައިގަނޑު ސަބަބަކީ ރާއްޖޭގެ ނިސްބަތުން 10،000 މީހުންގެ ޖަމާޢަތަކީ ސިޔާސީ މައިދާނުގައި ނުފޫޒުގަދަ ބައެއްކަމަށް ގަބޫލު ކުރެވޭތީ ކަމަށާއި އަދި އެވަރުގެ ނުފޫޒް ގަދަ ޖަމާޢަތަކަށް ދައުލަތުން ފައިސާ ދިނުމަކީ އެ ޖަމާޢަތެއް ކުރިއަށް ދިޔުމަށް މުހިންމު ކަމެއް ކަމަށް ދެކޭތީ ކަމަށް އެކޮމެޓީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.