ހައްދުފަހަނައަޅާފައިވާ އިސްރާއީލު ސިފައިން ފަލަސްތީނުގެ ޣައްޒާ އަށް މިއަދު ދިން ވައިގެ ހަމަލާތަކުގައި މިއަދު ފަލަސްތީނުގެ ނުވަ މީހުން ޝަހީދުކޮށްލައި އެތައް ބަޔަކު ޒަހަމްކޮށްލައިފި އެވެ.

ޣައްޒާގެ ސިއްހީދާއިރާގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނީ އިސްރާއީލުން މިއަދު ދިން ހަމަލާތަކުގައި ޝަހީދުވި ނުވަ މީހުންނާ އެކު އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 39 އަކަށް އަރާފައިވާ ކަމަށެވެ.

ވައިގެ ހަމަލާތައް ކުރިއަށްދާ އިރު އިސްރާއީލުގެ 75000 ސިފައިން ޓޭންކާއި އެނޫން ވެސް ބަރު ހަތިޔާރާ އެކު ޣައްޒާ އަށް ހަމަލާ ދޭން ތައްޔާރުވަމުން އަންނަ ކަމަށް ރޮއިޓާސް އިން ބުންޏެވެ.

އިސްރާއީލުން ޣައްޒާ އަށް ހަމަލާދެމުން ދަނިކޮށް ތޫނިސްގެ ބޮޑުވަޒީރު ރަފީގު އަބުދުއް ސަލާމް މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކުރައްވައި ހަމާސް ޖަމާއަތުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިސްރާއީ އީރާނުގެ ސަރުކާރުން ވާހަކަތައް ދައްކަމުން ދާއިރު ޣައްޒާގައި ތިބި ފަލަސްތީނު މީހުން ހިމާޔަތް ކުރުމަށް އެއިން އެއްވެސް ގައުމަކުން މިހާތަނަށް އަމަލީ އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.