މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތުގައި ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރެއިން ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރި މީހުންގެ އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ހދ. ހޮނޑައިދޫން ހައްޔަރު ކުރި އެންމެންގެ ކުޑަކަމުދާ ތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން އެ މީހުންގެ ތެރެއިިން ގަލޮޅު ހިލާލީގެ ހަމްދާން ޒަކީ އާއި ސްރީލަންކާގެ ދެ މީހުންނާއި ބަންގްލަދޭޝް މީހަކު ފިޔަވައި އެހެން އެންމެން ކުޑަކަމުދާއެއްޗިހި ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ހަނީފް ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރާއި އޭނާގެ އަނބިކަނބަލުން މއ. މަނާގެ މަރިޔަމް ފާއިޒްގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އިބްރާހިމް ހުސެއިން ޒަކީއެވެ.

ހަނީފް ވިދާޅުވީ މީގެކުރިން ހާމިދު ހައްޔަރު ކުރި ދުވަހެއްގައި ވެސް އޭނާގެ ކުޑަކަމުދާ އެއްޗިހި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން އޭނާ އެކަމަށް އިންކާރުކޮށްފައި ވާތީ އޭނާގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 123 ވަނަ މާއްދާގެ (ހ) ގައި ބުނަނީ މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތު ކުރެވިގެން މީހެއްގެ ކުޑަކަމުދާ އެއްޗިހި ޓެސްޓްޓު ކުރުމަށްޓަކައި، ކުޑަކަމުދާ އެއްޗިހި ދިނުމަށް އެ ގާނޫނުގެ 161 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުލުހުންގެ އޮފިސަރަކު އެދުމުން، ކުޑަކަމުދާ އެއްޗިހި ދިނުމަށް އިންކާރު ކުރާ މީހާ އެކުރަނީ ކުށެއްކަމަށެވެ. އަދި އެމާއްދާގެ (ށ)ގައި ބުނަނީ އެފަދަ ކުށެއް ޝަރީއަތަށް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއް އަހަރު ދުވަހަށް ޖަލަށް ލުންކަމަށެވެ.