16:27


ބަނގުރަލުގެ މައްސަލައަކާ ތުހުމަތުކޮށް އޭނާ ހައްޔަރުކުރީ ސަރުކާރުގެ މަކަރުވެރި ރޭވުމެއްގެ ދަށުން ކަމަށް ޑީއާރްޕީ ވެލިދޫ ގޮފީގެ ރައީސް މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.


ވެލިދޫ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އައްބާސް ހައްޔަރުކުރީ، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެއީ، އިންތިހާބުގައި ވެލިދޫ ދާއިރާއިން ސަރުކާރަށް ތާއީދު ނުލިބޭނެކަން އެނގޭތީ، ޑީއާރްޕީގެ ވެލިދޫގެ ގޮތްޕަށް ގޮންޖެހުމުގެ ބޭނުމުގައި އެރަށުގައި އުޅޭ އެމްޑީޕީ "ބޮޑުން" ހިންގި "ފިނޑި" އަމަލެއް ކަމަށް ބުނެ، އެކަން އެ ބަޔާނުގައި ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެ އެވެ.


ޑީއާރްޕީ ވެލިދޫ ގޮފީގެ ރައީސް މުހައްމަދު އައްބާސް ވިދާޅުވީ، އޭނާގެ ކުށެއް ނެތް ކަމަށާއި އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ބަނގުރަލުގެ މައްސަލައިގައި ކުރެވޭނެ އެއްވެސް ދައުވާއެއް ނެތް ކަމަށް މަނަދޫ ކޯޓުން ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ކުށެއް ނެތް ކަމަށް ފުލުހުން ގަބޫލުކުރި ނަމަވެސް، ހައްޔަރުގައި ބެހެއްޓީ، އެރަށު ކައުންސިލަރާއި އެމްޑީޕީ ބަޔަކު ފުލުސް އޮފީސް ކައިރިއަށް އެއްވެ އަޑުގަދަކުރުމުން ކަމަށެވެ.


އަދި އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް، ގަސްތުގައި އަގުވައްޓާލުމުގެ ބޭނުމުގައި ކައުންސިލަރު އާދަމް ފާއިޒް މީޑިއާ އަށް މައުލޫމާތު ދެއްވާފައިވާތީ، އޭނާގެ މައްޗަށް އަބުރުގެ ދައުވާ ކުރައްވަން ނިންމާފައިވާ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.


ނަމަވެސް، ވެލިދޫ ކައުންސިލަރު ފާއިޒު ވިދާޅުވީ، އޭނާ ހަމައެކަނި މީޑިއާގައި ވިދާޅުވީ، ބަނގުރަލުގެ މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހުންގެ ނަމާއި އެޑްރެސް ކަމަށެވެ. އަދި އެއީ ރަށު ކައުންސިލަރުގެ ހައިސިއްޔަތުން ކުރެއްވި ކަމެއް ކަމަށާއި އެއްވެސް ސިޔާސީ ބޭނުމެއް އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ވެސް ފާއިޒް ވިދާޅުވި އެވެ. އަދި އެމްޑީޕީން އެއްވެސް ހަމަނުޖެހުމެއް ހިންގައިފައި ނޯންނާނެ ކަމަށާއި އޭނާ ގަވާއިދާ ޤާނޫނާ ޚިލާފަށް ކަމެއް ކުރައްވާފައިވާކަން ސާބިތުކުރެއްވުމަށް ޝަރީއަތަށް ވަޑައިގަތަސް މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.


ބަނގުރަލުގެ މައްސަލައަކާ ތުހުމަތުކޮށް ޑީއާރުޕީ ވެލިދޫ ގޮފީގެ ރައީސް އައްބާސްގެ އިތުރުން ދެ މީހަކު ފުލުހުން ހައްޔަރުކުރީ މި މަހުގެ 8 ވަނަ ދުވަހު އެވެ. އެ ތިން މީހުން ހައްޔަރުކުރީ، ވެލިދޫ ކައިރީ އޮންނަ ރިސޯޓަކުން މިނަރަލް ވޯޓާ ހުސްކުރި ފުޅިއަކަށް ބަނގުރާ އަޅައިގެން ވެލިދު އަށް އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގަ އެވެ.