17 Nov 2012, 15:51
ލ. ގަމުގައި 14 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިންކަން ފަޅާއަރައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ގަމު ތުނޑީ އަވަށަށް ނިސްބަތްވާ އެ ކުއްޖާ ބަލިވެ އިންކަން ފަޅާއަރާފައި ވަނީ މީގެ ދެހަފްތާހާ ދުވަސް ކުރިންނެވެ. އެ ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ލޭފައިބަން ފެށުމުން ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް އެކުއްޖާގެ ބަނޑަށްވީ ކިތައް މަސް ކަމެއް ސާފެއްނުވެ އެވެ.
އެ ކަމާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނީ ކުޑަކުއްޖެއްގެ އެފަދަ މައުލޫމާތެއް މީޑިއާ އަށް ހިއްސާ ކުރަން ބޭނުންނުވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާ މިހާރު ހުރީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި މާލޭގަ އެވެ.
ސ. ފޭދޫގައި އުމުރުން 11 އަހަރުގެ ކުއްޖަކު ވިހޭ މައްސަލައެއް ވެސް ވަނީ މީގެ ދެ ހަފްތާ ދުވަސް ކުރިން ފެންމަތިވެފަ އެވެ. ނަމަވެސް އެކުއްޖާ ވިހެއި ތުއްތު ކުއްޖާ ވަނީ ވިހޭތާ މާގިނައިރެއްނުވެ މަރުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށް، ޖެންޑާ މިނިސްޓްރީއާ ގުޅިގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.