ރާއްޖެއާ މެދު އިންޑިއާ އިން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު އިންޑިއާގެ ނޫސް އެޖެންސީއެއް ކަމަށްވާ ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވި ކަމަށް އެ އެޖެންސީން ބުނީ ރާއްޖެ ދަނީ ރަނގަޅަށް ހިނގަމުން ކަމަށްވާ އިރު އިންޑިއާ އިން ރާއްޖެއާ މެދު ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"ރާއްޖެ ރަނގަޅަށް ހިނގަމުންދާ އިރު ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް،" ރައީސް ވަހީދު ވިދާޅުވި ކަމަށް ޕީޓީއައި އިން ބުންޏެވެ.

އެ އެޖެންސީން ރައީސް ވަހީދުއާ ކުރި އިންޓަވިއުގައި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ބައެއް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ޑީމާންޑްތަކާ ބެހޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވިދާޅުވެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސުވާލު އުފެދޭ ހަލާތައްގައި ކަމަށެވެ.

"މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު، ސުވާލު އުފެދޭ ހާލަތެއްގައި. އެހެންވީމާ މިއީ ޖީއެމްއާރާ ދެމެދު އޮތް މައްސަލައެއް ނޫން، މިއީ ގޯސް އެއްބަސްވުމެއްގެ މައްސަލަ،" ރައީސް ވަހީދު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ކުރީގެ ރައީސް ނަޝީދު ތުހުމަތު ކުރައްވާފައިވާ ފަދައިން ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ކޯލިޝަން ޕާޓީތަކުން ކުރަމުންދާ ޑިމާންޑްތަކަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދެކެވަޑައިގަންނަވަންތޯ ދެންނެވުމުން ރައީސް ވަހީދު ވިދާޅުވެފައި ވަނީ "މި އެއްބަސްވުމުގެ ދަށުން ޖީއެމްއާރަށް ސަރުކާރުން ކޮންމެ މަހަކު 1.5 މިލިޔަން ޑޮލަރު ދޭން ޖެހޭ ކަމަށާއި އެއީ ކުޅަދާނަކަމެއް ނޫން،" ކަމަށެވެ.

ރައީސް ވަހީދު މިމޭރުމުން ވާހަކަ ދައްކަވާފައި ވަނިކޮށް އިންޑިއާ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ހާލަތާ މެދު އިންޑިއާ އިން ކަންބޮވާ ކަމަށާއި ރާއްޖޭގައި "އިންޑިއާއާ ދެކޮޅު މުޒާހަރާތައް" ކުރަމުންދާތީ ވެސް ކަންބޮޑުވާ ކަމަށެވެ. އިންޑިއާގެ ކަންބޮޑުވުންތައް ދިވެހިސަރުކާރަށް ހުށައަޅާފައިވާނެ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.

"ގާތް އެކުވެރި ގައުމެއްގެ ގޮތުން، ރާއްޖޭގެ ސިޔާސީ ހަމަނުޖެހުމާ މެދު އިންޑިއާ އިން ކަންބޮޑޫވެ އެވެ. ސުލްހަވެރި، ޑިމޮކްރެޓިކް ގޮތަކަށް ވާހަކަތައް ކުރިއަށް ގެންގޮސް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ މެދުގައިވާ ހަމަނުހުންތައް ހުއްޓުވުން ބޭނުމެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.