ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ވަކި ވަކި ޖަމާއަތްތަކަށާއި އަމިއްލަ މީހުނަށް ދިނުމުގެ ބަދަލުގައި އަންނަ އަހަރުން ފެށިގެން އެ ހުއްދަ ދޭނީ ކުންފުނިތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްކަށް ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފި އެވެ.

އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް އަމަލުކުރާ އުސޫލަތަކަށް ބަދަލު ގެނެސް، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހަމައެކަނި ކުންފުނިތަކަށް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އަމީން ޢާންމު މުހައްމަދު ފާރޫގު މިއަދު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ވަކި މީހުނަށް ކުރިން ދިން ނަމަވެސް އެ އުސޫލު ބަދަލުކޮށް ކުންފުނިތަކަށް އެކަނި ފުރުސަތު ދިނުމަށް ނިންމީ ހައްޖަށް މީހުން ގެންދިއުމުގެ އުސޫލަތައް ހަރުދަނާ ކުރުމަށް ކަމަށެވެ.

"އެންމެ މީހަކަށް އަޅުގަނޑުމެން ހުއްދަ ދިނީމާ އެ މީހަކު ގެއްލިގެން ނުވަތަ އެ ނޫން ކަމެއް ދިމާވެގެން އުޅޭ އިރު ޒިންމާ ނަގާނެ އެހެން މީހަކު ނުހުރޭ. އެހެން ނަމަވެސް ކުންފުންޏަކަށް ދީފިއްޔާ ކަމެއް ދީމާވާ ހާލަތެއްގައި ގާނޫނީ ގޮތުން ޒިންމާ ނަގާނެ ފަރާތްތައް ތިބޭނެ. އެހެންވީމާ ކުރިއަށް އޮތް ތާގައި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދޭނީ ހަމަ އެކަނި ކުންފުނިތަކަށް،" ފާރޫގު ވިދާޅުވި އެވެ.

ފާރޫގު ވިދާޅުވީ މީހުން ހައްޖަށް ގެންދިއުމާ ގުޅޭ އުސޫލުތައް އިސްލާމިކް މިނިސްޓްރީ އިން އަލުން އެކުލަވާލަމުންދާ އިރު އެ އުސޫލުތަކުގައި އެންމެ ބޮޑަށް ވިސްނާފައި ވަނީ ހައްޖަށް ދިއުމަށް ފައިސާ ދައްކާ މީހުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ގޮތްތައް ކަމަށެވެ. އަދި އެ ސޫލުތައް ނިންމުމަށް ފަހު ވަރަށް އަވަހަށް އަންމުކުރައްވާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެ އެވެ.

ހައްޖަށް މީހުން ގެންދިއުމާ ގުޅޭ ގޮތުން އަލުން އިސްލާމިކް މިނިސްޓްރީ އިން އަލުން އެކުލަވާ އުސޫލަތަކުގެ ތެރޭގައި ހައްޖަށް މީހުން ގެންދިއުމަށް ނަގާ ފައިސާ ވަކި އެކައުންޓެއްގައި ޖަމާ ކުރުމާއި އެކައުންޓްގެ ސްޓޭޓްމަންޓް އިސްލާމިކް މިނިސްޓްރީ އަށް މަހަކު އެއްފަހަރު ހުށަހަޅަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.

އެ އުސޫލުތައް އަލުން އެކުލައި ދެ ހަފްތާ ފަހުން އާންމުކުރާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އާންމު ފަރާތްތަކަށް ދެމުންދާ އިރު އޭގެ ތެރެއިން ބައެއް ފަރާތްތަކުން ހައްޖަށް ގެންދަން ކަމަށް ބުނެ މީހުން އަތުން ފައިސާ ނެގުމަށް ފަހު މަކަރުހަދަމުންދާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ.