އިބްރާހިމް ނާސިރު މާލެ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ޖީއެމްއާރު ކުންފުންޏާއި ދިވެހި ސަރުކާރާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލައި "ރައްޔިތުންގެ ގުޅުމުން" ސަރުކާރަށް ދީފައިވާ މުހުލަތު މިމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ޖީއެމްއާރުގެ އެއްބަސްވުން ބާތިލްކުރުމަށް ގޮވާލައި ބައެއް ސިޔާސީ ޕާޓީތަކުން ސަރުކާރަށް ދީފައިވާ މުއްދަތު ރޭ 12:00 އަށް ހަމަވާތީ އާޓިފިޝަލް ބީޗު ސަރަހައްދުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާުވެފައިވާ ކަމަށެވެ.

ޖީއެމްއާރުގެ އެއްބަސްވުން އުވާލުމާ މެދު ދިވެހި ރައްޔިތުންގެ އެއްބައިވަންތަ ކަމުގެ އިއްތިހާދުން ދެކޭ ގޮތާއި ސަރުކާރުން ދެކޭ ގޮތް ފުށުނާރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ނޮވެމްބަރު 30ގެ ނިޔަލަށް މިހަރަކާތްތަައް ވަރަށް ކެތްތެރިކަމާ އެކު އަޅުގަނޑުމެން ކުރިއަށް ގެންދާނަން، ނަމަވެސް އަޅުގަނޑުމެންގެ ކެތްތެރިކަންދާނީ ވަކި ހިސާބަކަށް. އޭގެ ކުރިން އެ ކަންތައް ނުކުރެވިއްޖެ ނަމަ ސީދާ ހަރަކާތަށް އަޅުގަނޑުމެން ނުކުންނާނަން،" އިމްރާން ވިދާޅުވި އެވެ.