17 Nov 2012, 14:14
ރައްޔިތުން މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ ދުނިޔޭގައި ހުންނަވަނިކޮށް އުނގޫފާރު ސުކޫލަށް ހަދިޔާ ކުރެއްވުމަށް ހޯއްދަވާފައި ހުރި ކޮމްޕިއުޓަރުތަކާ އެކު އެ ސްކޫލްގައި ކޮމްޕިއުޓާ ލެބެއް އަލުން ހުޅުވައިފި އެވެ.
އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހްމަދު މުޖުތަބާ ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މިއަދު ވިދާޅުވީ ކޮމްޕިއުޓަރު ލެބްގައި ކުރިން ހުރި ސިސްޓަމްތައް އުކާލައި ކޮމްޓަރު ލެބް އަޕްގްރޭޑް ކުރުމަށް ފަހު 21 ކޮމްޕިޔުޓަރާ އެކު އެ ލެބް މިއަދު ހުޅުވައިދިނީ އަފްރާޝީމްގެ ހަގު ދަރިކަލުން އައްޔާޝް އަފްރާޝީމް ކަމަށެވެ.
މުޖުތަބާ ވިދާޅުވީ އަފްރާޝީމް މެދުވެރިވެގެން 18 ސިސްސްޓަމް ލެބަށް އިތުރުކޮށްފައިވާ ކަމަށާއި ލެބް ހުޅުވުމަށް ކުރިން ނިންމާފައި އޮތީ ވެސް އަފްރާޝީމްގެ އަތްޕުޅުން ކަމަށެވެ.
"ސީދާ އަފްރާޝީމް މެދެވެރިވެގެން 18 ކޮމްޕިއުޓަރު ސިސްޓަމް ވަނީ ލިބިފައި. އަޅުގަނޑުމެން ކުރިން ނިންމާފައި އޮތީ އަފްރާޝީމް ގެނެސްގެން މި ލެބް އަޕްގްރޭޑް ކުރުމަށް ފަހު ހުޅުވަން. އެހެން ނަމަވެސް އެބޭފުޅާ އަވަހަރާކޮށްލުމާ ގުޅިގެން އެބޭފުޅާގެ ހަގު ދަރިކަލުން ލައްވައި މިއަދު މި ހުޅުވީ،" އޭނާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވީ އަފްރާޝީމް ކުރެއްވި މަސައްކަތްޕުޅުން އެހެން ފަރާތްތަކުން ވެސް ލެބަށް އެހީތެރިކަން ދެއްވާފައިވާ ކަމަށާއި އެހެންކަމާ އެކު އެ ފަރާތްތަކަށް ޝުކުރުއަދާ ކުރެއްވާ ކަމަށެވެ.
ޑރ. އަފްރާޝީމް އަލީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހު އެވެ.