ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ނަމުގައި ހިލޭ ސަބަހަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާއެއް އުފައްދައިފި އެވެ.

ކެންސާ ސޮސައިޓީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ޖަމިއްޔާގެ މައިގަނޑު ބޭނުމަކީ ކެންސަރު ޖެހުމަށް މެދުވެރިވާ ސަބަބުތަކާއި އަދި އެ ބަލިން ރައްކާތެރިވުމަށް ޓަކައި ބޭނުންވާނެ މައުލޫމާތުދީ އާންމުން ހޭލުންތެރިކުރުމާއި ކެންސަރު ބަލީގެ މީހުންނަށް ނަފުސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

މީގެއިތުރުން ކެންސަރު ބައްޔަށް ފަރުވާދޭ ޑޮކްޓަރުންނާއި އެހެނިހެން ފަންނީ ބޭފުޅުންނަށް މައުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދިނުމާއި ރާއްޖޭގައި ކެންސަރު ބައްޔާ ބެހޭ ގޮތުން ދިރާސާތައްކޮށް، ތަފާސް ހިބާސް އެއްކުރުން ވެސް ހިމެނޭ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އުފެއްދީ 02 އޮކްޓޯބަރު 2012 ގަ އެވެ. އެ ޖަމިއްޔާގެ ފުރަތަމަ އާއްމު ޖަލްސާ މިރޭ އިމާދުއްދީން ސްކޫލްގައި ބޭއްްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

އެ ޖަމިއްޔާ ރަޖިސްޓްރީކޮށްފައި ވަނީ އެޑްޔުކޭޝަން މިނިސްޓްރީގެ ޑިޕިއުޓީ ޑިރެކްޓަރު ޖެނެރަލް ހުސައިން ރަޝީދާއި ޑރ. އަބްދުލްމާލިކާއި ސައިކޭރިސްޓް، އާފިޔާ އަލީ އެވެ.

ހުސައިން މިއަދު ވިދާޅުވީ ނައީބް ރައީސް މުހައްމަދު ވަހީދުއްދީނަށް ދަންވައިގެން އެ މަނިކުފާން ރަޖިސްޓްރީކުރައްވާފައިވާ ޑައިބެޓިކްސް އެންޑް ކެންސާ ސޮސައިޓީ އިން ކެންސާ ބައި ވަކިކޮށް އެ ތިން ބޭފުޅުން ވަކި ޖަމިއްޔާއެއް ރަޖިސްޓްރީ ކުރީ ކެންސަރު ބައްޔަށްދޭ ސަމާލުކަން އިތުރު ކުރެއްވުމުގެ މަގްސަދުގައި ކަމަށެވެ.