17 Nov 2012, 13:33
މަސްވެރިންގެ ސަބްސިޑީ ދޫކުރުމުގައި ގާނޫނީ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ ފައިސާ ދޫނުކޮށް ހިފެހެއްޓުމަށް ފަހު މަސްވެރިންގެ ސަބްސިޑީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޫކުރާ ގޮތަށް ފިޝަރީޒް މިނިސްޓްރީ އިން ނިންމައިފި އެވެ.
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ސަން އޮންލައިނަށް ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލައި ދިރާސާކުރި އިރު މާލިއްޔަތު ގާނޫނުގެ ތެރެއިން ބަޖެޓްގައި ހިމަނައިގެން އެހީގެ ގޮތުގައި ބަޔަކަށް ފައިސާ ދެވިދާނެ ކަމަށެވެ. އަދި މީގެ ކުރިން އޮޅުން އެރީ މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި އެ ފައިސާ ބަޖެޓްގައި ހިމެނިފައި އޮތުމުން ކަމަށާއި މާލިއްޔަތު ގާނޫނަށް ފަހުން ގެނައި އިސްލާހުތަކުގެ ދަށުން ސަބްސިޑީގެ ގޮތުގައި ފައިސާއެއް ދޫކުރެވޭނީ ގާނޫނަކުން ކަމަށެވެ.
"މާލިއްޔަތު ގާނޫނުގައި އެބަ އިދޭ އެހީއެއްގެ ގޮތުގައި ހިމަނައިގެން ބަޖެޓްގައި ޖަހާ ފާސްކޮށްގެން އެއިރެއްގައި އެހީއަކަށް ބޭނުންވެފައިވާ ބަޔަކަށް މާލިއްޔަތު ގާނޫނުގެ 10 ވަނަ މާއްދާގެ 'ރ' ގެ ދަށުން އަޅުގަނޑުމެންނަށް އަސްލުގައި އެ ފައިސާ ދެވޭނީ، އެބައިގެ ދަށުން. އެކަމަކު ހަތް ވަނަ މާއްދާ އާއި 10 ވަނަ މާއްދާގެ 'ހ'ގެ ދަށުން ނުދެވޭނެ. ސަބްސިޑީއެއްގެ ވަކި ގާނޫނެއް އޮންނާނީ. ރާއްޖެ އަށް މުހިންމު މަސައްކަތެއް ކުރާ ބަޔަކަށް އެހީއެއްގެ ގޮތުގައި ފައިސާ ދެވިދާނެ ކަމަށް 10 ވަނަ މާއްދާގެ 'ރ' ގައި ބުނަނީ،" ޝަފީއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އިއުލާންކޮށްފައިވާ ގޮތުން ނޮވެމްބަރު އެކަކުން ފެށިގެން ރަޖިސްޓްރީ ކޮށްފައިވާ ދޯންޏަކުން ބިލުތައް މާދަމާ އިން ފެށިގެން ހުށަހެޅުން އެންމެ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ ދޯނުފަހަރަށް ފައިސާ ދައްކާ ހަލާސްކުރާނެ ކަމަށެވެ. އެގޮތުން މިނިސްޓްރީން ފައިސާ ދޫކުރާނީ ކޮންމެ 15 ދުވަހަކުން ކަމަށް ވެސް ވިދާޅުވި އެވެ.
މަސްވެރިކަން ކުރާ އުޅަދުގެ ގޮތުގައި ސަބްސިޑީ ހޯދުމަށް މި އަހަރުގެ މިހާތަނަށް 1305 އުޅަދު ވަނީ ރަޖިސްޓްރީކޮށްފަ އެވެ. ސަބްސިޑީ ދޫކުރާނީ ދޯނީގައި ހުންނަ އިންޖީނެއްގެ ހޯސްޕަވަރަށް ބަލައިގެން އެ ދޯންޏަކުން ކުރާ ދަތުރުގެ ތެލުގެ ހަރަދަށް ފައިސާ ދޫކުރާ ގޮތަށެވެ. ސަބްސިޑީ ފައިސާ ދޫ ކުރާނީ ސީދާ އޮޑިވެރިޔާގެ އެކައުންޓަށެވެ.
އެގޮތުން ސަބްސިޑީ ދޫކުރަނީ 72 ހޯސްޕަވަރުން ދަށުގެ އިންޖީނުތަކަށް ވަކި އަދަދެއް އަދި 72 ހޯސްޕަވަރުން ފެށިގެން 300 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދެއް އަދި 150 ހޯސްޕަވަރުގެ އިންޖީނުތަކަށް ވަކި އަދަދެެކެވެ.
ޝަފީއު ވިދާޅުވީ ރަޖިސްޓްރީކޮށްފައިވާ ދޯނިތަކުގެ އަދަދަށް ބަލައި އެ ދޯނިތަކުން ބަރާބަރަށް މަހަށް ނުކުންނަ ނަމަ މި އަހަރު ނިމޭ އިރު ސަބްސިޑީއަށް ކަނޑައެޅި 99 މިލިއަން ރުފިޔާގެ ތެރެއިން ހޭދަވާނީ 44 މިލިއަން ރުފިޔާ ކަމަށެވެ. އޭނާ ވިދާޅުވީ މާލިއްޔަތު ކޮމެޓީން އެކުލަވާލި އުސޫލުގެ ދަށުން ނޮވެމްބަރު މަހުގެ ކުރީގައި ކޮށްފައިވާ ތެލުގެ ހަރަދަށް ފައިސާ ދޫކުރެވެން ނެތް ކަމަށެވެ.
"އެކަމަށް ނެތް ބެލޭނެ ގޮތްތަކެއް އުސޫލުތަކެއް. އެހެންވީމާ ހަމަ އެކަނި މި ދޫކުރެވޭ ފައިސާއަކީ ނޮވެމްބަރު އެކަކުން ފެށިގެން ކުރާ ހަރަދަށް ދޫކުރާ ފައިސާ،" ޝަފީއު ވިދާޅުވި އެވެ.
މާދަމާއިން ފެށިގެން ސަބްސިޑީ ދޫކުރަން ފަށާއިރު މާލިއްޔަތު ކޮމެޓީވެސް އަދި ސަރުކާރުގެ އެހެން އިދާރާތަކުންވެސް ފައިސާ ދޫކުރަން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ޝަފީއު ވިދާޅުވި އެވެ. އަދި މި އަހަރު ބާކީ މިއޮތް ދުވަސްތަކުގައި ސަބްސިޑީއަށް ކަޑައެޅި ފައިސާ ހުސްނުވުމަކީ މައްސަލައެއް ކަމުގައި އެއްވެސް ފަރާތަކުން ނުދެކޭކަމަށްވެސް ވިދާޅުވި އެވެ.