17 Nov 2012, 12:54
މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އެންމެ ކާމިޔާބު ޓީމް ކަމުގައިވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކޯޗުކަމުން މުހައްމަދު ޝިޔާޒް (މޯހަން) އިސްތިއުފާ ދީފި އެވެ.
ނިއުގެ ކޯޗް ކަމުން އިސްތިއުފާ ދިނުމަށްފަހު، ސަން އޮންލައިނަށް މިއަދު މޯހަން ފޮނުވި އެސްއެމްއެސްގައި ބުނެފައި ވަނީ، ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ނިއު ހޯދި ކާމިޔާބީ އާއި އަދި ކުލަބުގެ ސަޕޯޓަރުން ކުލަބަށް ދެއްވި ސަޕޯޓާއި އަދި ކުލަބުގެ މެނޭޖްމަންޓުން ކުލަބާ މެދު ވެދެއްވި ގާތް ގުޅުމާމެދު ސުކުރު އަދާ ކުރާ ކަމަށެވެ.
"ނިމިގެން ދިޔަ 2012 ވަނަ އަހަރުގެ ފުޓްބޯޅަ ސީޒަނުގައި ﷲގެ ރަހުމަތްފުޅުން ނިއު ރޭޑިއަންޓް ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދާފައި. މި ކާމިޔާބީއަކީ ޓީމުގެ ސަޕޯޓަރުން، ކުޅުންތެރިން، ކޯޗިން ސްޓާފުން އަދި ޓީމުގެ މެނޭޖްމަންޓް ގުޅިގެން ކުރެވުނު ފުރިހަމަ މަސައްކަތެއްގެ ނަތީޖާ ކަމުގައި އަޅުގަނޑު ދެކެން،" މޯހަން ފޮނުވި އެސްއެމްއެސްގައި ބުނެފައިވެ އެވެ.
މޯހަންގެ ކޯޗް ކަމުގެ އިރުޝާދުގެ ދަށުން ނިއު ވަނީ މިއަހަރުގެ ސީޒަނުގެ ފުރަތަމަ ދެ މުބާރާތް ކަމަށްވާ ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެ ޓީމު ބަލިވީ އެފްއޭކަޕް ކުއާޓާ ފައިނަލުގައި އީގަލްސް އަތުން އެކަންޏެވެ.
ރޭ ދަރުބާރުގޭގައި ނިއު އިން ބޭއްވި އެކުލަބުގެ ގޯލްޑް ނައިޓުގައި އެ ކްލަބުގެ އެކްސެލެންސް އެވޯޑް ވެސް ހޯދި މޯހަން ނިއުގެ ކޯޗް ކަމާ ފުރަތަމަ ހަވާލުވެފައި ވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އަދި މޯހަންއަކީ 2008ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދިވެހި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެވެ