17 Nov 2012, 12:19
މ. މުލީ ފަޅުތެރޭގައި ދެ ލޯންޗެއް ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެ، ސީރިއަސްވި މީހަކު މާލެ ގެނެސްފި އެވެ.
މުލީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އުމުރުން 51 އަހަރުގެ މީހާ ރޭ 10:40 އެހާކަންހާއިރު މާލެ ފޮނުވާލި ކަމަށެވެ. އަދި އެ ހާދިސާގައި އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ޒަޚަމްވެފައިވާ ކަމަށް ވެސް މުލީ ހޮސްޕިޓަލުން ބުނެ އެވެ. ނަމަވެސް ބޮލަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވެ އެވެ.
މުލީ ހޮސްޕިޓަލުން ބުނީ ރޭ 8:45 އެހާކަންހާއިރު ހިނގި އެކްސިޑެންޓްގައި ހަތަރު މީހަކު އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. އަދި ސީރިއަސް ޒަޚަމްތަކެއް ލިބުނު 51 އަހަރުގެ މީހާ ފިޔަވައި ދެންތިބީ ތިން ޒުވާނުން ކަމަށެވެ. ހޮސްޕިޓަލުން ބުނީ އެތިން މީހުންނަށް ހުރީ ކުދި އަނިޔާ ލިބިފައި ކަމަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހާދިސީ ހިނގީ މުއްޔަށް ޑޮކްޓަރަށް ދައްކަން ދިޔަ ބަޔަކު ގޮވައިގެން ދިޔަ ލޯންޗެއް އެ ރަށު ފަޅުން ނުކުންނަން ދަނިކޮށް މުލީ ފަޅަށް ވަންނަން ދިޔަ ލޯންޗެއްގައި ޖެހިގެންނެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި އިރު އެތަނުން އެއް ލޯންޗުގައި ހަތް މީހުން އަދި އަނެއް ލޯންޗުގައި ފަސް މީހުން ތިބި ކަމަށެވެ. އަދި އެ ދެ ލޯންޗަކީ ވެސް އެ އަތޮޅު ނާލާފުށީގެ ދެ ލޯންޗު ކަމަށް ވެސް ފުލުހުން ބުނެ އެވެ.