17 Nov 2012, 12:16
އިނގިރޭސި ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުންދާ އިޓަލީގެ ޒުވާން ފޯވާޑް މާރިއޯ ބަލޮޓެލީ އެކުލަބު ދޫކޮށް ދާން ނޫޅޭ ކަމުގައި އޭނާގެ އެޖެންޓް މިނޯ ރައިއޯލާ ބުނެފި އެވެ.
ދާދި ފަހުން އިޓަލީގެ އޭސީ މިލާން އަދި އިންޓަމިލާނުން ވަނީ ބަލޮޓެލީ އަށް ތަޢުރީފް ކޮށްފައެވެ. އެހެންކަމުން މިދެކުލަބުން ބަލޮޓެލީ ހޯދުމަށް މަސައްކަތްކުރާނެ ކަމަށް ބެލެވެއެވެ. މިދިޔަ އާދީއްތަ ދުވަހު ޓޮޓެންހަމް އާއި ދެކޮޅަށް ސިޓީ ކުޅުނު އެންމެ ފަހު މެޗުގައި ބަލޮޓެލީ ބޭނުން ކޮށްފައެއް ނުވެއެވެ.
"ސިޓީގައި ބަލޮޓެލީ ހުރީ ހިތްހަމަ ޖެހިގެން. ސިޓީއާއި ބަލޮޓެލީއާއި ދެމެދު އެއްވެސް މައްސަލައެއް ނެތް. އަދި ކޯޗު ރޮބާޓޯ މަންޗިނީ އާއި ބަލޮޓެލީއާއި ދެމެދު ވެސް އެއްވެސް މައްސަލައެއް ނެތް. މީޑީއާ އިން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް." ރައިއޯލާ ބުންޏެވެ.
ޕެރިސް ސެއިންޓް ޖާމެން (ޕީއެސްޖީ) ގެ ސްވިޑަން ފޯވާޑް ޒްލަޓަން އިބްރަހިމޮވިޗްގެ ވެސް އެޖެންޓް ކަމަށްވާ ރައިއޯލާ އިތުރަށް ބުނީ، ސިޓީގައި އެއް އަހަރާ ބައިގެ މުއްދަތަކަށް އަދި ބަލޮޓެލީ ކުޅެން ރާވާފައިވާ ކަމަށެވެ. "އެއް އަހަރާ ބައިގެ މުއްދަތަކަށް ސިޓީއަށް ކުޅެން ބަލޮޓެލީ ރާވާފައިވޭ. މިހާރު ވެސް ބަލޮޓެލީ ސިޓީ ދޫކޮށްލަން ބޭނުންނަމަ، އިޓަލީގެ ކޮންމެ ކްލަބަކާއި އޭނާއަށް ގުޅެވިދާނެ." ރައިއޯލާ ބުންޏެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ފްރާންސް ގައުމީ ޓީމާއި ދެކޮޅަށް އިޓަލީ ގައުމީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗުގައި ބަލޮޓެލީ ކުޅެފައި ވެއެވެ. ނަމަވެސް މިމެޗުން އިޓަލީ ވަނީ 2-1 ލަނޑުން ބަލިވެފައެވެ.