17 Nov 2012, 12:04
ސްޕެނިޝް ލަލީގާ ކާމިޔާބުކުރެވޭނެ ކަމަށް ބުނުން އަދި މާ އަވަސް ކަމުގައި ލީގުގެ ދެވަނާގައި އޮތް އެތްލެޓިކޯ މެޑްރިޑްގެ ކޮލަމްބިއާ ފޯވާޑް ރަޑަމައެލް ފަލްކާއޯ ބުނެފި އެވެ.
މިދިޔަ ހަފްތާގައި އެތްލެޓީކޯ ދޫކޮށް ފަލްކާއޯ ދާން އުޅޭ ކަމުގެ ވާހަކަތަކެއް މީޑިއާގައި ފެތުރިފައި ވެއެވެ. ނަމަވެސް މިސީޒަނުގައި ފަލްކާއޯ ބޭނުންވަނީ އެތްލެޓިކޯ އަށް ކާމިޔާބީ ހޯދައިދިނުމަށް އެހީތެރިވާން ކަމުގައި އޭނާ ބުނެފައި ވެއެވެ.
"މިހާތަނަށް އައި އިރު، ޓީމުން ދަނީ މޮޅު ކުޅުމެއް ދައްކަމުން. އަހަރެމެން ދައްކަނީ ވަރަށް ރަނގަޅު ފެންވަރެއްގެ ފުޓްބޯޅައެއް. މުޅި ޓީމުން ވެސް ބޭނުންވަނީ މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަން. ނަމަވެސް މި ކުޅުން ކުރިއަށް އޮތްވާ ވެސް ދެއްކޭތޯ މަސައްކަތް ކުރަން ޖެހޭނެ. ލީގު ކާމިޔާބު ކުރެވޭނެ ކަމަށް ބުނުން އަދި މާ އަވަސް. ގަދަ ހަތަރެއްގައި އޮވެ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެކަމަށް ބުނެވިދާނެ." ފަލްކާއޯ ބުންޏެވެ.
މިސީޒަނުގެ ސްޕެނިޝް ލީގުގައި ފަލްކާއޯ ވަނީ ދިހަ ލަނޑު ކާމިޔާބުކޮށްފަ އެވެ. ލަލީގާގެ އެންމެ ގިނަ ގޯލް ޖަހާފައިވާ ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީއާއި ގޯލްގެ ގޮތުން ހަމަހަމަ ކުރަން ބޭނުންނަމަ، ފަލްކާއޯ އަށް ފަސް ލަނޑު ކާމިޔާބުކުރަން ޖެހެއެވެ. ދެވަނާގައި އޮތް ރެއާލް މެޑްރިޑްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފައި ވަނީ ބާރަ ލަނޑެވެ.